ޚަބަރު

މާލޭ ހުކުރު މިސްކިތް މާދަމާ އަލުން ހުޅުވަނީ


މާލޭ ހުކުރު މިސްކިތް މާދަމާ އަސުރު ނަމާދުން ފެށިގެން އަލުން ހުޅުވާގޮތަށް ހަމަޖައްސައިފިއެވެ. މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވީ މިސްކިތުގައި އަލުން ނަމާދުކުރުމަށް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް މިހާރު ކުރިއަށްދާކަމަށެވެ.

މާލެ ހުކުރު މިސްކިތުގެ އަބާތުރަފިލުވުމަށް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއް އަހަރު ދުވަހަށް މިސްކިތް ބަންދުކޮށްފައިވަނީ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށެވެ. މި މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ޓީމެއްކަމަށްވާ "އަރކިއޮލޮޖިކަލް ސަރވޭ އޮފް އިންޑިއާ"އިންނެވެ. އާބާތުރަފިލުވުމުގެ މަސައްކަތުގެދަށުން މިސްކިތުން ކަތުރުފަނި ނައްތާލުމުގެ ފަރުވާ ދިނުމާއި، ހިރިގަލަށް ފަރުވާދިނުމާއި އަދި ކާޕެޓު ނަގައި ދިގުމުއްދަތަށް ދެމިހުންނާނެ ނެވިލޯންވަނީ ފްލޯގައި އަޅާފައެވެ.

އަދި ހުކުރު މިސްކިތު މުންނާރު އާބާތުރަ ފިލުމުގެ މަސައްކަތްވެސްދަނީ ކުރިއަށްގެންދަމުންނެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ސްޓެލްކޯއިންނެވެ. ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި މުންނާރު ސާފުކޮށް ކުލަލުން ހިމެނެއެވެ.

މިސްކިތް މި ހަފްތާގައި ހުޅުވަން ނިންމީ މި ހަފްތާއަކީ އިސްލާމީ ދުނިޔޭގެ ޤައުމުތަކުން ފާހަގަކުރާ "ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވަރލްޑް" ދުވަސް ފާހަގަކުރާ ހަފްތާކަމަށްވާތީ އެއާ ގުޅުވައިގެންކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. މިދުވަސްފާހަގަކުރުމުގެ މިއަހަރުގެ ޝިއާރަކީވެސް އާސާރީ ބިނާތަކާއި، ތަރިކައާއި ތާރީޚީ ތަންތަން އަދި ދާރުލް އާސާރުތަކަށް ލިބޭ ގެއްލުންތައް ޙައްލުކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.

1656ވަނަ އަހަރު ބިނާކުރެއްވި މާލެ ހުކުރު މިސްކިތަކީ ރާއްޖޭގައިވެސް ހުރި އެންމެ ދުވަސްވީ އަދި ތާރީޚީ އެއް މިސްކިތެވެ. މި މިސްކިތް ޚާއްސަވާ ސަބަބުތަށް ގިނައެވެ. ދިވެހިންގެ ހުނަރުވެރި އަތްތެރި މަސައްކަތްތަކާއި، ހިރިގަލުގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް މި މިސްކިތުން ފެނެއެވެ. މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.