ކުވައިތުގެ އަމީރު ޝެއިޚު ޞަބާޙު އަލްއަޙްމަދު އަލްޖާބިރު އަލްޞަބާޙު އަވަހާރަވުމާ ގުޅިގެން ކުވައިތުގެ ރަސްކަމާ ދެން ޙަވާލުވެވަޑައިގަންނަވާނީ އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ވަލީ އަޙުދު، ޝައިޚު ނަވާފު އަލްއަޙުމަދު އަލްޖާބިރު އަލްޞަބާޙުކަމަށް ކުވައިތުގެ ވަޒީރުންގެ މަޖިލީހުން އިޢުލާނުކޮށްފިއެވެ.
ކުވައިތުގެ ޤާނޫނު އަސާސީ ބައްޓަންކޮށްފައިވާ ގޮތުން ޤައުމުގެ އަމީރު އަވަހާރަވެއްޖެނަމަ ވަލީ އަޚުދުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އަމީރުގެ މަޤާމަށް އިސްވާނެއެވެ. ނަމަވެސް ޤާނޫނު ހަދާ މަޖިލީހުގައި މަޤާމުގެ ހުވާކުރައްވަން ޖެހޭނެއެވެ. ކުވައިތުގެ ޤާނޫނު ހަދާ މަޖިލީހުންވަނީ ޝައިޚު ނަވާފު ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނުގެ ވަގުތެއްގައި ކުރިއަށްދާނެކަމަށް އިޢުލާނުކޮށްފައެވެ.
ކުވައިތުގެ ޚާރިޖީ ވަޒީރުގެ ގޮތުގައި 40 އަހަރުވަންދެން ޚިދުމަތްކުރެއްވި ޝެއިޚު ޞަބާޙު އަލްއަޙްމަދު ތަޖުރިބާ ޝައިޚު ނަވާފު އަލްއަޙުމަދަށް ލިބިވަޑައިގެންފައިނުވާ ނަމަވެސް އުމުރުން 83 އަހަރުފުޅުގެ ޝެއިޚު ނަވާފް އެނާގެ ބޭބޭފުޅު މަސައްކަތްކުރެއްވި ގޮތަށް ސަރަޙައްދީ ސުލްހައާއި އަމާންކަމަށް މަސައްކަތްކުރައްވާނެކަމަށް ބެލެވެއެވެ.
ޝައިޚް ނަވާފްއަކީ ކުވައިތުގެ ދިފާޢީ ވަޒީރުގެ މަޤާމާއި ޚާރިޖީ ވަޒީރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ މަޝްހޫރުވެވަޑައިގެންފައިވަނީ ކުވައިތުގެ ނޭޝަނަލް ގާޑުގެ ބާނީގެ ގޮތުގައެވެ. އަރަބި އެހެން ދަޢުލަތްތަކާއެކު ސަލާމަތީ ގުޅުން ޤާއިމްކުރުމަށް އޭނާވަނީ މަސައްކަތްކުރައްވާފައެވެ.
ޚާރިޖީ މާހިރުން ޤަބޫލުކުރާ ގޮތުގައި ދަޢުލަތުގެ ގިނަ ޒިންމާތައް ނަވާފް ޙަވާލުކުރައްވާނީ ވަލީ އަޙުދުގެ މަޤާމަށް އައްޔަނުކުރައްވާ ބޭފުޅަކަށެވެ.