ވިޔަފާރި

މަސްވެރިކަން ރަނގަޅުވެ، މިފްކޯއަށް ކިރުވާ މަހުގެ އަދަދު އިތުރުވެއްޖެ


މަސްވެރިކަން ރަނގަޅުވެ، މިފްކޯއަށް ކިރުވާ މަހުގެ އަދަދު އިތުރުވެފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ، އިސްމާއިލް ފައުޒީ ވިދާޅުވީ އިއްޔެ އެކަނިވެސް މިފްކޯގެ ސެންޓަރުތަކަށް 295 ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ. އަދި އެންމެ ގިނަ އަދަދަކަށް މަސް ކިރުވާފައިވަނީ ކޫއްޑޫއަށް ކަމަށާއި ކޫއްޑޫއަށް 200 ޓަނުގެ މަސް އިއްޔެ ކިރުވާފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

"އިއްޔެ ފަރެސްމާތޮޑާގައި ދުއްވާ ބާޚިރާ ދޯނި 40.4 ޓަން މަސްވަނީ ކިރުވާފައި، މިފްކޯއިން މަސްގަންނަ އަގަކީ 18 ރުފިޔާ، މިއީ އެހެން ކުންފުނިތަކާއި އަޅާ ބަލާއިރު އެންމެ ރަނގަޅު އަގު، މިފްކޯއިން ތައްޔާރަށް މި އޮތީ މަސްވެރިން މަސް ކިރުވަން ބޭނުންވަރަކަށް މަސް ގަންނަ،" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ފަރެސްމާތޮޑާގެ ބާޙިރާ ދޯނިން މަސް ބާނާފައިވަނީ މ އަތޮޅު ބޭރުން ކަމަށާއި، މަސް ކިރާފައި މިވަނީ ކޫއްޑޫއަށް ކަމަށެވެ. އެއްދުވަހެއްގައި އެންމެ ގިނަ މަސް މިފްކޯއަށް ކިރުވާފައިވަނީ 2006 އަހަރު ގދ.ތިނަދޫ ރަސްމަގު ދޯނިއެވެ. އެ ދޯނިން އެފަހަރު ވަނީ 53 ޓަނުގެ މަސް ކިރުވާފައެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ވިދާޅުވީ މިފްކޯއިން މަސްވެރިން ބާނާ މަސް ގަތުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ފެލިވަރަށްވެސް އިއްޔެ ރަނގަޅު އަދަދަކަށް މަސް ކިރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިކަން ރަނގަޅު ދުވަސްތަކުގައި އާއްމުގޮތެއްގައި މިފްކޯއަށް 300 ޓަނުގެ މަސް ކިރުވާކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެފައިވާއިރު، މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން 7 އަހަރަށްފަހު މިފްކޯއިން ވަނީ މަސްވެރިންގެ އަތުން މަސް ގަތުމުގައި ވަކި އަގެއް ކަނޑައަޅާފައި އޮންނަ އޮތުން ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި ނިސްބަތަކުން މަސްވެރިންގެ އަތުން މަސް ގަތުމަށް މިފްކޯއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް، މަސްވެރިން ކިރާ މަހަށް މަސް ކުންފުނިތަކުން ދެވޭނެ އެންމެ ދަށް އަގަށްވެސް ސަރުކާރުން ވަނީ ބަދަލު ގެންނަވާފައެވެ. އެގޮތުން ގެންނެވި ބަދަލުތަކުގެ ތެރޭގައި 7 ރުފިޔާއަށް ގަންނަމުން ދިޔަ ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލީގެ 1.5 ކިލޯ އަދި އެއަށްވުރެ މަތީ މަހުގެ ކިލޯއެއް ގަންނަ އެންމެ ދަށް އަގަކީ 13 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް ކަޅުބިލަ މަސް އަދި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގުގެ ގޮތުގައި ހަމަޖައްސާފައިވާ 3 ރުފިޔާ 60 ލާރި ވަނީ 5 ރުފިޔާ 15 ލާރިއަށް ބޮޑުކޮށްފައެވެ.

މަސް ގަންނަ އަގަށް ގެނައި ބަދަލުގެ އިތުރުން، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށްވެސް ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ. އެގޮތުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 8 ރުފިޔާ 65 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރު ވަނީ 7 ރުފިޔާ 33 ލާރިއަށް އަގުހެޔޮކޮށްފައެވެ.