ވިޔަފާރި

ޖަޕާނުގެ 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީ ޙަވާލުކޮށްފި


ކޯވިޑް-19 ގެ ޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީވުމަށް ޖަޕާނުން ރާއްޖެއަށް ދޭ 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި ޖައިކާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯރޕަރޭޝަންގެ ރާއްޖެ އޮފީހުގެ ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީ އެވެ.

ލޯން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްފައެވެ. އަދި މި ފަހަރު ޖަޕާނުން ރާއްޖެއަށް ދީފައިވާ މާލީ އެހީތެރިކަމަކީ ޖަޕާނުން މިހާތަނަށް ރާއްޖެއަށް ދީފައިވާ އެންމެ ބޮޑު މާލީ އެހީތެރިކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ނޭދެވޭ ގިނަ އަސަރު ކޮށްފައިވާ އިރު، ޖަޕާނުން ދިން އެހީއާއެކު ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

" މި އެހީއާއެކު ރާއްޖެއިން ކޯވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެހީއަކަށްވެގެންދާނެ، އަދި ޤައުމުގެ އިޖްތިމާއީ އަދި އިޤްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް އެހީތެރިވެދީ، އިޤްތިސާދީ ހަރަކާތްތައް އަލުން އާރާސްތު ކުރުމަށް އެހީތެރިވެދޭނެ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖައިކާގެ ރާއްޖޭގެ އޮފީހުގެ ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީ ވިދާޅުވީ މި އެހީގެ ސަބަބުން ރާއްޖެއިން ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުުރުމަށް އެހީތެރިވެދޭނެ ކަމަށް އުއްމީދުކުރާ ކަަމަށެވެ.

" ރާއްޖޭގެ އިޤްތިސާދަށް މިވަނީ ކޯވިޑް-19 އާއި ގުޅިގެން ގެއްލުންތަކެއް ވެފައި، ޖައިކާއިން އުއްމީދުކުރަނީ މި އެހީގެ ސަބަބުން ރާއްޖެއިން ހަރުދަނާ ކަމާއި އެކު ބޭނުންކޮށް، އިޤްތިސާދު ނަގަހައްޓާ، ޤައުމުގެ އިޖްތިމާއީ އަދި އިޤްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް،" މިޓްސުޔޮޝީ ކަވަސާކީ ވިދާޅުވިއެވެ.

ކޯވިޑް-19އާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޖަޕާން ސަރުކާރުން 5 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 47.5 މިލިއަން ޑޮލަރުގެ ލޯން އެހީއެއްދީފައި ވަނީ 0.01 އިންޓަރެސްޓް ރޭޓުގައެވެ. އަދި މި ލޯނު އަނބުރައި ދެއްކުމަށް 15 އަހަރު ދުވަހުގެ މުއްދަތެއްދީފައިވާއިރު، ފުރަތަމަ 4 އަހަރަކީ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. 5 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 47.5 މިލިއަން ޑޮލަރަކީ، ދިވެހި ރުފިޔާއިން ބަލާނަމަ 732.4 މިލިއަން ރުފިޔާއެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސްއަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައެވެ.