ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށައިފި


އިޖްތިމާޢީ ބޯޙިޔާވަހިކަމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ އެންމެ ބިޔަ މަޝްރޫޢުއަކީ ހުޅުމާލޭ ފޭސް އެކެއްގެ މަޝްރޫޢުއެކެވެ. 1000 މީހުންނާއިއެކު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީހުން އާބާދުވާން ފެށީ 2004ވަނަ އަހަރުއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މީހުން އާބާދުވާން ފެށިތާ 16 އަހަރުވެފައި ވާއިރު ހުޅުމާލޭގެ އާބާދީ 50،000 އަށްވުރެ ވަނީ މައްޗަށް އަރާފައެވެ. ޚާއްސަ ޕްލޭނެއްގެ ދަށުން މީހުން އާބާދުކުރަން ފެށި ހުޅުމާލޭ ފޭސް 1 ގައި ސަރުކާރުން އިތުރަށް އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްނުގެންދާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން މީގެކުރިން ވަނީ ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ އާބާދީ އަހަރުން އަހަރަށް އެތަށް ގުނައަކުން އިތުރުވަމުން އަންނައިރު، 2015ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނަމުގައި ހުޅުމާލެއިން ބިން އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ. މުޅިން އާ މަޝްރޫޢުއެއްގެ ގޮތުގައި ހުޅުމާލޭ ފަޅުން 244 ހެކްޓަރުގެ ބިން ހިއްކައި "ހުުޅުމާލެ 2ވަނަ ފިޔަވަހި"ގެ ނަމުގައި ތަރައްޤީކުރަން ފެށިއެވެ.

ބިންހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ނިންމައި، އިޖްތިމާޢީ ބޯހިޔާވަހިކަމަށް 7000ފްލެޓްގެ މަސައްކަތް ފެށީ 2017ވަނަ އަހަރުއެވެ. އިޖްތިމާޢީ ބޯހިޔާވަހިކަމަށް ފްލެޓް އެޅުމަށް ބިން ދޫކުރުމުގެ އިތުރަށް، ދެވަނަ ފިޔަވަހިން ގޯތިވެސް ވަނީ ދޫކޮށްފައެވެ
.
ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ސޯޝަލް ހައުސިންގގެ އިތުރަށް ވިޔަފާރިއާއި އިޤްތިޞާދަށްވެސް ހުޅުވިގެންދިޔަ ދޮރެކެވެ. ވިޔަފާރީގެ އިތުރަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ވަނީ އަމިއްލަ ފަރާތްތަކަށްވެސް ބިން ދޫކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫޢުއަށް 5އަހަރުވިއިރު، މިހާރު މިވަނީ ދެވަނ ފިޔަވަހީގައި މީހުން އާބާދުކުރުމުގެ މަސައްކަތް ފަށާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރު ބިންތަކުގައި އަމިއްލަ މީހުން އަޅާފައިވާ ބައެއް ގެތަކުގެ މަސައްކަތް ނިމި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅުމަށް މަދު އާއިލާތަކަކުން މިހާރުވަނީ ބަދަލުވެފައެވެ. މިމީހުން ބަދަލުވެފައި ވަނީ ވޭތުވެދިޔަ ހަފްތާގެތެރޭގައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް މީހުން ބަދަލުވާން ފަށާފައި ވަނީ އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ބިންތަކުގައި އަޅާފައިވާ ގެތަކަށްކަމަށެވެ. އަދި މިގެތަކަށް ބަދަލުވެފައިވަނީ އެޗްޑީސީން ދޫކުރާ ޚާއްސަ ހުއްދައަކާއި އެކުކަމަށެވެ.

ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވަނީ ފިޔަވަހި އެކެއްގެ ނިރޮޅު މަގާ ގުޅިގެން ފޭސް ދެއަކަށް އަންނަ މަގުތަކަށް ހުރި ގޯތިތަކުގައެވެ. ދެވަނަ ފިޔަވައްސަށް ބަދަލުވި އާއިލާއެއްގެ މީހަކު ޕީއެސް އާއި ވާހަކަދައްކަމުން ބުނެފައިވަނީ އެ އާއިލާއިން ބަދަލުވި އިމާރާތުގެ އެކި ފަންގިފިލާފައިވެސް 5 އާއިލާއަކުން ދިރިއުޅެން ފަށާފައިވާކަމަށެވެ. އޭނާ ބުނެފައި ވަނީ މިހާރު ފޭސް ދޭކަށް ވަންނަނީ ލޮޓް ނަންބަރު ބުނެ ހުއްދައަކާއި އެކުކަމަށެވެ. ޕީއެސްއެމްއާއި ވާހަކަދެއްކި ފަރާތުން ބުނީ އެމީހުން ދިރިއުޅޭ ސަރަޙައްދުގައި ކެފޭއެއްވެސް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށެވެ. މަޢުލޫމާތުލިބޭގޮތުގައި އެތަން އޮކްޓޯބަރު އެކެއްގައި ހުޅުވާނެއެވެ.

ދެނަވަ ފިޔަވަހީގައި މީހުން އާބާދުވާން ވާއިރަށް އެތަނަށް ބޭނުންވާ އާއްމު ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޗްޑީސީންދަނީ ކުރަމުންނެވެ. އެގޮތުން މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުންދާ މިސްކިތުގެ މަސައްކަތްވެސްވަނީ ނިމުމަކާއި ގާތްވެފައެވެ.
އަދި ހުޅުމާލޭގައި އަޅާ ސްކޫލްތަކުގެ ޢަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެޗްޑީސީން ވިދާޅުވެފައި ވަނީ ހިޔާ މަޝްރުޢުގެ ފްލެޓްތަކާއި އެކު، އަމިއްލަ ގެތަށް ހުރި ސަރަޙައްދުތަކަށް އާއްމު ދަތުރުފަތުރުގެ ޚިދުމަތް ފަށާނެކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢުއަކީ ހިޔާ މަޝްރޫއުގެ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތްކަތެވެ. ހައުސިންގ ޔުނިޓްތައް ލިބުނު ގިނަ ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތައް މިހާރު އާއްމުކޮށްފައުވާއިރު، ސަރުކާރުން ދަނީ ފުލެޓްތައް ލިބޭ ފަރާތްތަކަށް ފުލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

ގޯތިނެތް މާލެމީހާ

ޢަހަރުމެން ކީއްކުރާނީ މިހެން ގަނަތެޅި ތެޅި ތިބޭނީ އަމިއްލެ ފަސްގަނޑުގައި