ކުވައިތުގެ އަމީރު ޝައިހް ޞަބާޙު އަލްއަޙްމަދު އަލްސަބާހު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން ހާމަކުރެއްވީ ކުވައިތުގެ ވަލީއަޙުދު ޝައިޙް ނަވާފް އަލްއަޙްމަދު އަލް ޖަބަރު އަލް ސަބާޙަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ. މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާކަމަށެވެ.
އަދި ކުވޭތުގެ އަމީރަކީ ބައިނަލްއަޤްވާމީ މައިދާނުގައި، ޚާއްޞަކޮށް ސަރަޙައްދީ މައްސަލަތައް ޙައްލުކުރުމުގައި، އިސް ދައުރެއް އަދާކުރެއްވި ލީޑަރެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން އެ މަނިކުފާނަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ލީޑަރެއްކަމަށާއި ރާއްޖޭގެ ތަރައްޤީއަށް ފޯރުކޮށްދެއްވި އެހީތެރިކަމާއި ރާއްޖެއަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށްޓަކައި ދިވެހިން އެ ބޭފުޅަކަށް ދަރަނިވެރިވެފައިވާ ލީޑަރެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.