ވިޔަފާރި

އެސްޑީއެފްސީގެ ލޯނުތައް ދެއްކުން ފަސްކުރަން އެދުމުގެ ފުރުސަތު އިތުރުކޮށްދީފި


އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ފަސްކުރަން އެދުމުގެ ފުރުސަތު އިތުރުކޮށްދީފިއެވެ.

އެސްޑީއެފްސީން މީގެކުރިން ވަނީ ލޯނު ދެއްކުން ފަސްކޮށްދިނުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި މިމަހުގެ 25 ވަނަ ދުވަސް ކަނޑައަޅާފައެވެ. ނަމަވެސް މިމުއްދަތު ފާއިތުވިއިރު އެކިއެކި ސަބަބުތަކާއިހުރެ ގިނަ ކަސްޓަމަރުންނަށް ލޯނު ފަސްކުރުމަށް އެދި ހުށައެޅިފައިނުވާކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ. އެހެންކަމުން ލޯނު ފަސްކުރުމަށް އެދި ހުށައެޅޭ މުއްދަތު 8 އޮކްޓޯބަރުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.

ލޯނު ފަސްކުރުމަށް އެދި ހުށައަޅަންޖެހޭނީ އެސްޑީއެފްސީގެ ވެބްސައިޓުން އޮންލައިން ޕޯޓަށް މެދުވެރިކޮށެވެ. އެސްޑީއެފްސީން ލޯނު ފަސްކޮށްދިނުމަށް ނިންމާފައިވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށްޓަކައެވެ. ލޯނު ފަސްކޮށްދޭ މުއްދަތުގައި އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް %4 ކުޑަވާނެކަމަށް އެސްޑީއެފްސީން ބުނެއެވެ.

އެސްއެމްއީ ބޭންކު މެދުވެރިކޮށް ޖުމްލަ 6 ދާއިރާއަކުން ލޯނު އަންނަނީ ފޯރުކޮށްދެމުންނެވެ. އެއީ ވިޔަފާރި ތަރައްޤީ ލޯނާއި، ހަރުމުދާ ގަތުމުގެ ލޯނާއި، ދަނޑުވެރި ނަފާ ލޯނާއި، ވިޔަފާރި އެހީ ލޯނާއި، ރަށުފަތުރު ލޯނާއި، ފަށާ ވިޔަފާރި ލޯނެވެ.