ދުނިޔޭގެ ވިޔަފާރި

ޓްރަމްޕް ޓެކްސް ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގިނަ އަހަރުތަކެއް ވަންދެން ޓެކްސް ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެމެރިކާގެ ނިއު ޔޯކް ޓައިމްސްއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބިލިއަނަރެއްކަމަށްވާ ޓްރަމްޕް 10 ވަރަކަށް އަހަރު ޓެކްސް ނުދައްކައެވެ. އަދި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ޓެކްސްގެ ގޮތުގައި ޓްރަމްޕް ދައްކާފައިވަނީ އެންމެ 750 ޑޮލަރުކަމަށްވެސް ނިއުޔޯކް ޓައިމްއިން ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގިނަ އަހަރުތަކެއްވަންދެން ޓެކްސް ނުދައްކާ މައްސަލައެއް ފެންމަތިވެފައިވާއިރު، މި ހާލަތަށް ކަންތައްތައް ދިޔައީ އެމަނިކުފާނުގެ ކުންފުނިތަކަށް އާމްދަނީ ނުލިބި ބޮޑެތި ލޯންތަކެއް ނަގާފާވާތީކަމަށް ވަނީ ނިއު ޔޯކް ޓައިމްސްއިން ބުނެފައެވެ.

މި ރިޕޯޓްގައި ބުނާގޮތުން ރައީސް ޓްރަމްޕް ޓެކްސް ދައްކަވާފައިވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި 2016 ވަނަ އަހަރާއި ދައުރުގެ ފުރަތަމަ އަހަރުއެކަންޏެވެ. އެހެންނަމަވެސް، ގިނަ ކުންފުނިތަކެއް ހިންގަވާ ކާމިޔާބު ވިޔަފާރިވެރިއެއްގެ ލަޤަބް ލިބިވަޑައިގެން ހުންނެވި ރައީސް ޓްރަމްޕް މި 2 އަހަރުގެ ތެރޭގައިވެސް ޓެކްސްގެ ގޮތުގައި ދައްކަވާފައިވަނީ އެންމެ 750 ޑޮލަރުކަން ވަނީ ހާމަވެފައެވެ.

މީގެއިތުރުން މި ރިޕޯޓްގައި ވަނީ ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޓެކްސް ނުދައްކާ ގިނަ އަހަރުތަކެއް ހުރިކަން ފާހަގަވެފައެވެ. އެގޮތުން ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރީގެ 15 އަހަރުގެ ތެރެއިން 10 އަހަރެއްގައި ރައީސް ޓްރަމްޕް އެއްވެސް ފައިސާއެއް އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައްކާފައިނުވާކަމަށް އިންޓަނޭޝަނަލް ރެވެނިއު ސަރވިސަސްގެ ރިކޯޑްތަކުން ދައްކައެވެ. މި ލިޔެކިޔުންތަކުން ހާމަވާގޮތުން ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ދައްކާ ޚަލާސްކުރަންޖެހޭ 300 މިލިއަން ޑޮލަރުގެ ލޯނެއް ރައީސް ޓްރަމްޕް ވަނީ ނަންގަވާފައެވެ.

ނިއުޔޯކް ޓައިމްސްއިން ވަނީ ޓްރަމްޕްގެ ނަމުގައިވާ ބައެއް ކުންފުނިތަކަށް އެމެރިކާގެ ލޮބިސްޓް ގްރޫޕްތަކާއި ބޭރުގެ އިސް އޮފިޝަލުން ބޮޑެތި އަދަދުން ފައިސާ ދޫކޮށްފައިވާކަމަށް ބުނެފައެވެ. މި ލިޔެކިޔުންތަކުގައި ވަނީ މި ފައިސާއަކީ ރިޝްވަތުކަމަށްވެސް ސިފަކޮށްފައެވެ. މި ލިޔެކިޔުންތައް އާންމުވުމުން އަމިއްލަފުޅަށް ބިލިއަނަރަކަށް ވެވަޑައިގެން ހުންނެވި ނުވަތަ ސެލްފް މޭޑް ބިލިއަނަރއެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގަންނަވާފައިވާ ރައީސް ޓްރަމްޕަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

ޓްރަމްޕް ވަނީ އޭނާގެ އޮފިޝަލް ޓުވިޓަރ ހޭންޑަލްއިން ނިއުޔޯކް ޓައިމްސްގެ ރިޕޯޓަށް ރައްދުދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ މި ޙަބަރަކީވެސް "ދޮގު ހަބަރު" ކަމަށް ބުނެފައެވެ. ޓްރަމްޕް ވިދާޅުވީ ނިއުޔޯކް ޓައިމްސްއިން ގަވާއިދާ ހިލާފު މައުލޫމާތު ހޯދައިގެން، އެ މަޢުލޫމާތުތައް ހާމަކުރަނީ ނުބައި ނިޔަތެއްގައިކަމަށެވެ. އަދި އޭނާ ޓެކްސްއަށް އެތައް މިލިއަން ޑޮލަރެއް ދައްކާފައިވާނެކަމަށާއި، އޭނާގެ އާމްދަނީގެ އޮޑިޓް މިވަގުތު ކުރިއަށްދާކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި އޮޑިޓް ނިމުނުހާ އަވަހަކަށް އެކަން ހާމަވެގެންދާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ ޓެކްސްގެ ލިޔެކިޔުންތައް އާންމުވެފައި މިވަނީ ރިޔާސީ އިންތިހާބަށް މަހަކަށް ވެފައި ވަނިކޮށެވެ. އަދި އިންތިޚާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންގެ ފުރަތަމަ ބަހުސްވެސް ބޯމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލާއާއި ގުޅިގެން ޓްރަމްޕް ސަރުކާރުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ޓިމް މަރޓޯގް ވަނީ ނިއު ޔޯކް ޓައިމްސްއިން މި ލިޔެކިޔުންތައް އާންމުކުރީ އިދިކޮޅު ކެނޑިޑޭޓް ޖޯ ބައިޑަންއަށް ތާއީދު ހޯދާ، ޓްރަމްޕްއަށް އޮތް ތާއީދު ކުޑަކުރަންކަމަށް ތުހުމަތުކޮށްފައެވެ.

ރައީސް ޓްރަމްޕަކީ 1970ގެ އަހަރުތަކަށް ފަހު އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޓެކްސްއާއި އާމްދަނީއާއި ބެހޭ ލިޔެކިޔުންތައް ހާމަނުކުރައްވާ ފުރަތަމަ ރައީސެވެ. އެމެރިކާގެ ޤާނޫނުތަކުގައި މިކަން ހާމަކުރުން ލާޒިމް ނުކުރާއިރު، ރައީސް ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ މި ލިޔެކިޔުންތައް އާންމުކުރަމަކީ އެހާ މުހިންމުކަމެއްކަމަށް ނުދެކޭކަމަށެވެ.