ސިޔާސީ

ސިޔާސީ ޕާޓީތަކުގެ ޤާނޫނު އިސްލާޙު ކުރުމަކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތެއް ނޫން - ޝަރީފް


ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ކުރާ މަސައްކަތަކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަން ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަ އިސްލާހުތަކާގުޅޭގޮތުން މަޝްވަރާކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއެކު ބޭއްވެވި ބައްދަލުވުން ފަށްޓަވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީޓަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތަކީ ވަކި ބަޔަކު ޕްރެޝަރކޮށްގެން ނުވަތަ އަންގައިގެން ކުރާ މަސައްކަތެއް ނޫންކަމަށެވެ. މިއީ ސިޔާސީ ޕާޓީތައް ޒިންމާދާރުކަމާއެކު ހަރަކާތްތެރިވުމަށާއި، ޕާޓީތަކުގެ ހިންގުން ހަރުދަނާކުރުމުގެގޮތުން އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ކުރާ މަސައްކަތެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ މަސައްކަތް 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިންވެސް އެ ކޮމިޝަނުން ފަށާފައިވާކަމަށެވެ. އެގޮތުން ޤާނޫނަށް ގެންނަން ފެންނަ އިސްލާޙުތައް ލިޔުމުން ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް މީގެ ކުރިންވެސް އެ ކޮމިޝަނުން ފުރުޞަތުދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ މި ޤާނޫނު ތަންފީޒުކުރެވޭ ފަރާތްތަކަކީ ސިޔާސީ ޕާޓީތައްކަމަށްވެފައި، ޤާނޫނު އިސްލާޙު ކުރުމަށް ކުރާ މަސައްކަތުގައި ޕާޓީތަކުގެ ޙިޔާލާއި މަޝްވަރާ ހޯދުންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި އިސްލާޙްތަކަކީ ވަކި ބަޔަކާމެދު ފިޔަވަޅުއަޅާ، ވަކި ޕާޓީއެއްގެ ހަރަކާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތެއް ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އެއްވެސް ޙާލެއްގައި އެއްވެސް ފަރާތަކުން ހީފުޅުކުރައްވައިގެން ނުވާނެ އަޅުގަނޑުމެން މިކަން މިކުރަނީކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށްޓަކާ ނުވަތަ ވަކި ބަޔަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ނުދިނުމަށްކުރާ މަސައްކަތެއްކަމަށް" ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ސީޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް މަރުޚަބާ ކިޔާނެކަމަށެވެ. އަދި މި ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުން ހުށަހަޅާ ޚިޔާލުތައް ރިކޯޑްކުރެވިގެންދާނެކަމަށާއި، އިސްލާޙުތައް ފައިނަލްކުރުމުގައި އެކަންކަމަށް ރިޢާޔަތްކުރައްވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ގެންނަން ފެންނަ ބައެއް މުހިއްމު އިސްލާޙުތަކުގެ ތެރޭގައި، ފޯމުތަކުގެ ސައްޙައްކަން ސިޔާސީ ޕާޓީތަކުން ކަށަވަރުކުރުމާއި، ޕާޓީތަކުގެ ލީޑަރޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، ސިޔާސީ ޕާޓީތައް ހިންގުމުގައި އިދާރީގޮތުން ހުރި ގޮންޖެހުންތައް ނައްތާލުމާއި ޒިންމާދާރުކަމާއެކު ޕާޓީތަކުގެ ހަރަކާތައް ހިންގުމާއި ގުޅޭ އިސްލާޙުތަކެއް ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކަށް ދަޢުލަތުންދޭ މާލީ އެހީ ބަހާނެގޮތްތަކާއި، ޕާޓީތަކުގެ ދަރަންޏަށް ޒިންމާދާރުވުމާއި، ޕާޓީތަކުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހެޅުމާގުޅުންހުރި މުހިއްމު އިސްލާޙުތަކެއްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މި ޤާނޫނަށް ހުށަހަޅުއްވާފައެވެ.