ވިޔަފާރި

ގެސްޓްހައުސްތައް ހުޅުވަން ކައިރިވެފައިވާއިރު ބިލްތައް އަދިވެސް ނުދެއްކޭ!


ކޯވިޑް19 އަށްފަހު ގެސްޓްހައުސްތައް އަލުން ހުޅުވަން ތައްޔާރުވެފައިވާއިރު އެކި ހިދުމަތްތައް ހޯދާފައި ދައްކަންޖެހޭ ގިނަ އަދަދެއްގެ ބިލުތައް ނުދެއްކި އެބަހުރިކަމަށް ގެސްޓްހައުސްތަކުން ބުނެފިއެވެ.

ގެސްޓްހައުސްތަކުން މިހެން ބުނެފައިވަނީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސަރވޭއެއްގައެވެ.

ކޯވިޑް19 ގެ ސަބަބުން މިއަހަރުގެ މާރޗް މަހުގެ މެދެއްހާ ހިސާބުގައި ރާއްޖޭގެ ގެސްޓްހައުސްތައް ވަނީ ބަންދުކޮށްފައެވެ. ގާތްގަނޑަކަށް 7 މަސްދުވަހަށް ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވާލުމަށް މިހާރު ސަރުކާރުން ވަނީ ހުއްދަދީފައެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ކުރިއަށްގެންދިޔަ ސަރވޭއެއްގައި ގެސްޓްހައުސްތަކުން ވަނީ ދައްކަންޖެހޭ ގިނަ ބިލްތަކެއް ހުރުމުގެ ސަބަބުން ޙިދުމަތް އަލުން ފެށުމަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަން ބުނެފައެވެ.

ގޭމްއިން ކުރިއަށްގެންދިޔަ ސަރވޭގައި ރާއްޖޭގެ 10 އަތޮޅަކުން 237 ގެސްޓްހައުސްއެއް ވަނީ ބައިވެރިވެފައެވެ. މި ފަރާތްތަކުން ބުނާގޮތުން މިހާރު ހުރި ބިލްތަކާއި ޓެކްސްތައް ދެއްކުމަށް ގެސްޓްހައުސްއަކަށް ގާތްގަނޑަކަށް 230،000 ރުފިޔާ ބޭނުންވެއެވެ. އަދި ގެސްޓްހައުސް މެއިންޓަނަންސް ސަޕޯޓް ލޯނެއްގެ ގޮތުގައި 132،000 ރުފިޔާ ބޭނުންވާކަމަށް ގެސްޓްހައުސްތަކުން ވަނީ ބުނެފައެވެ. ގެސްޓްހައުސްތަކުން މިހެން ބުނެފައިވަނީ ކޯވިޑް19ގެ ސަބަބުން ގިނަ ދުވަސްތަކެއް ގެސްޓްހައުސްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އެތަންތަން މެއިންޓަނެންސް ކުރަން ބޭނުންވާ ހަރަދާއި، އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ގެސްޓްހައުސްތައް ހުޅުވުމުގެ ކުރިން ކަންކަން ހަމަޖެއްސުމަށެވެ.

ރާއްޖޭގައި އޮޕަރޭޓްކުރާ ގެސްޓްހައުސްތަކުގެ ތެރެއިން %79 ތަންތަނަކީ ކުލި ދައްކައިގެން ހިންގާ ތަންތަނެވެ. މި ސަރވޭއިން ދައްކަގޮތުން އެވްރެޖްކޮށް ގެސްޓްހައުސްތަކުން 109،006 ރުފިޔާ ކުލީގެ ގޮތުގައި ދައްކަންޖެހިފައި އެބައޮތެވެ.

މުވައްޒަފުންނަށް ދައްކަންޖެހޭ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 107،972 ރުފިޔާ އުޅޭކަމަށް ސަރވޭގައި ބައިވެރިވި ގެސްޓްހައުސްތަކުން ވަނީ ބުނެފައެވެ. ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %80 އަކީ ދިވެހިންނެވެ. އަދި %20 އަކީ ބިދޭސީ މުވައްޒަފުންނެވެ.

ގެސްޓްހައުސްތައް ހުޅުވަން ކައިރިވެފައިވާއިރު އަދިވެސް ދައްކަންޖެހޭ ބައިވަރު ބިލްތައް ހުރިކަމަށް ސަރވޭގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފެންބިލަށް އެވްރެޖްކޮށް ގެސްޓްހައުސްއަކުން 17،566 ރުފިޔާ ދައްކަންޖެހޭއިރު ކަރަންޓްބިލަށް އެވްރެޖްކޮށް 34،816 ރުފިޔާ ދައްކަންޖެހިފައިވާކަމަށް ސަރވޭގައި ބައިވެރިވި ފަރާތްތަކުން ވަނީ ބުނެފައެވެ.

ޓެކްސް ދެއްކުމާއި އަދި މުވައްޒަފުންނަށް މުސާރަ ދިނުމަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ބޭނުންވާކަމަށް 352 ގެސްޓްހައުސްއިން ވަނީ ބުނެފައެވެ. އަދި 351 ގެސްޓްހައުސްއަކުން ވަނީ ފެނާއި ކަރަންޓް އަދި ޔޫޓިލިޓީ ބިލްތައް ދެއްކުމަށް އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ.

ގެސްޓްހައުސްތަކަށް ދައްކަންޖެހިފައިވާ ބިލްތަކުގެ ސަބަބުން ގެސްޓްހައުސްތައް އަލުން ފަށައިގަތުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ މީގެކުރިން ގެސްޓްހައުސް އެސޯސިއޭޝަނުންވެސް ވަނީ މިކަމުގައި މިނިސްޓްރީތަކާއި ވާހަކަދައްކާފައެވެ.

ގޭމްއިން ވަނީ ޓޫރިޒަމް މިނިސްޓަރާވެސް މިކަމުގައި ބައްދަލުކޮށްފައެވެ. މި މަޝްވަރާތަކުގައި ޓޫރިޒަމް މިނިސްޓަރ ވަނީ ގެސްޓްހައުސް މެއިންޓަނެންސްއަށް ޙާއްސަކޮށްގެން ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ދާދިފަހުން ގޭމްއިން ވަނީ ސްޓެލްކޯ އަދި ފެނަކައަށްވެސް މަޝްވަރާކޮށްފައެވެ. ފެނަކަ އަދި ސްޓެލްކޮއިންވެސް ވަނީ ބިލްތައް ބަހާލައިގެން ދެއްކުމަށް އެއްބަސްވެފައެވެ. ނަމަވެސް ގޭމްއިން ވަނީ ގެސްޓްހައުސްތައް ބަންދުކޮށްފައިހުރި ދުވަސްތަކުގައި ކޮމާޝަލް ރޭޓުން ބިލްކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ގެސްޓްހައުސްތަކުން 6.8 މިލިއަން ޑޮލަރު ވަނީ ޓެކްސްގެ ގޮތުގައި މީރާއަށް ދައްކާފައެވެ. މިއީ މިދިޔަ އަހަރު ދައުލަތައް ލިބުނު އާމްދަނީގެ %26 އެވެ. ގެސްޓްހައުސް ސިނާއަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ސިނާއަތެއްކަމަށާއި، ގެސްޓްހައުސްތައް އަލުން ފަށައިގަތުމުގައި ސަރުކާރުގެ ފަރާތުން އެހީތެރިކަން ބޭނުންވާކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.