ކުޅިވަރު

ސަޕޯޓަރުން ނެތި ކުޅެން ޖެހުމުން ހިތްދަތިވޭ: ބިއެލްސާ


ސަޕޯޓަރުންނާ ނުލާ ކުޅެންޖެހުމުން ހިތްދަތިވާކަމަށް ލީޑްސް ޔުނައިޓެޑު ކޯޗު މާސެލޯ ބިއެލްސާ ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި އެންމެ ފަހުން ޝެފީލްޑް ޔުނައިޓެޑު އަތުން ހޯދި މޮޅަށްފަހު ވާހަކަ ދައްކަމުން ބިއެލްސާ ބުނީ ކުރިން ޗެމްޕިއަންޝިޕްގައި ޝެފީލްޑާ އެތައް ފަހަރަކު ކުޅުނުކަމަށެވެ. އެހެންނަމަވެސް ޕްރިމިއަރ ލީގުގައި ޝެފީލްޑާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމު އަތުން މޮޅެއް ލިބުނު ކަމުގައި ވިޔަސް ތަފާތުކަމަށް ލީޑްސް ޔުނައިޓެޑުގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ މިމެޗުތަކުގެ ކުރިން ސަޕޯޓަރުން ވަދެ ދަނޑު ފުރާލުމުން އޮންނަ މާހުއުލު މިހާރުގެ ހާލަތާހުރެ ނުފެންނާތީ ފެންވަރު ރަނގަޅު ފުޓްބޯޅެއް ނުފެންނަކަމަށެވެ. ސަޕޯޓަރުންނާ ނުލާ ކުޅެން ޖެހުމަކީ ހިތްދަތިކަމެއް ކަމަށް އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު ބުންޏެވެ. މެޗުގައި ދެޓީމުގެ ފަރާތުން ފެނުނީ ވަރަށް ވާދެވެރި ކުޅުމެއް ކަމަށާއި ދެޓީމުގެ ފަރަގުގައި މާބޮޑު ތަފާތެއް ނެތްކަމަށް 16 އަހަރަށް ފަހު ޕްރިމިއަރ ލީގަށް އެނބުރި އައި ޓީމުގެ ކޯޗު ބުންޏެވެ.

ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ލީޑްސް ޔުނައިޓެޑު އޮތީ ހަ ޕޮއިންޓާއެކު ލީގުގެ ހަވަނައިގައެވެ.