ވިޔަފާރި

ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް، އެއް ސިނާއަތަކަށް ބަރޯސާވުން ކުޑަކުރަންޖެހޭ


ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކުރުމުގެ މަސައްކަތް ފަށަން ޖެހިފައިވާކަމަށް ރާއްޖޭގެ އިޤްތިސާދު ދިރާސާކުރާ ތަޖުރިބާކާރެއްކަމަށްވާ އާތިފް ޝަކޫރު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ އެންމެ އިސް މަޤާމްތައް އަދާކުރައްވާފައިވާ އަދި އިޤްތިޞާދީ މާހިރެއްކަމަށްވާ އާތިފް މިހެން ވިދާޅުވެފައިވަނީ ދާދިފަހުން "ދަ މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރީސާޗް"ގައި ޝާއިޢުކުރެއްވި ލިޔުއްވުމެއްގައެވެ.

"ދަ މޯލްޑިވްސް ނެޝަނަލް ޖަރނަލް އޮފް ރީސާޗް"ގައި ޝާއިޢުކުރެއްވި ލިޔުއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން އާތިފް ވިދާޅުވީ މީގެކުރިންވެސް ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ނުވަތަ ޑައިވާސިފައިކުރުމުގެ ވާހަކަތައް ދެކެވިފައިވާކަމަށާއި އެހެން ނަމަވެސް މިކަމަށް އަމަލީ ސިފައެއް ނާންނަކަމަށެވެ. އަދި ރާއްޖޭގައި އެއް ސިނާއަތަކަށް މިހާ ބޮޑަށް ބަރޯސާވެފައި އޮންނަނީ އެގޮތް ފަސޭހަވުމުން ކަމަށް އާތިފް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ކޯވިޑް-19އާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ އޭގެ ނޭދެވޭ އަސަރު އިންތިހާއަށްކޮށްފައެެވެ. އަދި މިއާއެކު އެ ސިނާއަތުގައި މަސައްކަތްކުރާ އެތައް ދިވެހިންނަކަށް ވަނީ އާމްދަނީ ލިބެމުންދިޔަ މަގު ބަންދުވެފައެވެ.

އާތިފް ވިދާޅުވީ މިފަދަ ކަންތައްތަކަކީ ކުރިމަގުގައިވެސް އެކަމުން އިބްރަތް ހާސިލްކުރަންވީ ކަންތައްތައްކަމަށެވެ. އަދި ރާއްޖޭގައިވެސް ކުރިއެރުވިދާނެ އިތުރު ސިނާއަތްތައް އެބަހުރިކަން އާތިފް ފާހަގަކުރެއްވިއެވެ.

" ފަތުރުވެރިކަމާއި އެއްވަރަށް ކަނޑުގެ މުއްސަދިކަންވެސް ލިބިފައި އެބައޮތް، ރާއްޖެއިން މިހާރު އެކްސްޕޯޓު ކުރަނީ ދެތިން ބާވަތް، ވެލިއު އެޑްކުރެވިގެނެއް ނޫން މަސް އެކްސްޕޯޓު ކުރެވެނީ، މިއީ މީގެ 20 އަހަރު ކުރިންވެސް ކަންތައް އޮތް ގޮތް" އާތިފް ވިދާޅުވިއެވެ.

އިތުރު ސިނާއަތްތައް އުފަންކުރަން ދިގު މުއްދަތެއް ނަގާނެ ކަމަށާއި އެހެން ނަމަވެސް އެފަދަ މަސައްކަތްތައް ފަށަން ޖެހިފައިވާކަމަށް އާތިފް ވިދާޅުވިއެވެ. އާތިފް ވިދާޅުވީ ފަތުރުވެރިކަމުން ރާއްޖެއަށް ރަނގަޅު ނަފާއެއް ލިބޭ ކަމަށާއި އެކަމާއި ދެބަސް ވެވެން ނެތް ކަމަށެވެ. ނަމަވެސް ސިނާއަތެއް އެހާ ބޮޑަށް ފުޅާވެ ބާރުގަދަވުމުން، އެ ސިނާތެއްގެ ބާރު ހުރިހާ ކަމެއްގައި އޮންނާނެކަން އާތިފް ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަކީ ވަރަށް ފަސޭހައިން ލޮޅުން އަރާ ސިނާއަތެއް ކަމަށާއި، ކުރިމަގުގައިވެސް އެކި އެކި ކާރިސާތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ބަލައި އެފަދަ ކަންތައްތަކަށް ތައްޔާރުވެތިބެން ޖެހޭ ކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްޤުތައް މިހާރަށްވުރެ ބޮޑަށް ރައްކާތެރިކޮށް، ކާރިސާތަކާއެކު ފަތުރުވެރިކަމަށް އަންނަ ލޮޅުންތަކުގައި މުވައްޒަފުންނަށް އޭގެން ކުރާ އަސަރުތައް ކުޑަ ކުރެވޭނެ ގޮތްތަކެއްވެސް އެކަށައެޅިފައި އޮންނަން ޖެހޭ ކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ވަނީ ގާތްގަނޑަކަށް 4 މަސްދުވަހަށް ބަންދުކޮށްފައެވެ. އެއަށްފަހު ޖުލައިމަހުގެ 15ވަނަ ދުވަހު ބޯޑަރުތައް ހުޅުވާލާފައިވީ ނަމަވެސް ރާއްޖެގެ އިޤްތިޞާދު ކުރިން އޮތް ހާލަތަށް ދިޔުމާއި އަދި ގާތަށްވެސް ނުދެއެވެ. އަދި އެކަމަށް ގިނަ ދުވަސްތަކެއް ނަގާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.