ޚަބަރު

ގެސްޓްހައުސްތަކަށް ދާ ފަތުރުވެރިން އާންމުން ދިރިއުޅޭ ގެތަކަށް ވަނުމަކީ މަނާކަމެއް


ގެސްޓްހައުސްތަކަށް ދިއުމަށް ރަށްރަށަށްދާ ފަތުރުވެރިން އާންމުން ދިރިއުޅޭ ގެތަކަށް ވަނުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން އާންމުކޮށްފައިވާ ގެސްޓްހައުސްތަކުން ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުގައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ރައްކާތެރިކަމުގެ އުސޫލުގައިވަނީ ގެސްޓްހައުސްތަކާއި ފަތުރުވެރިންނާއި ޢާއްމުން ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައެވެ. އަދި ގެސްޓްހައުސްތަކުގައި ހުންނަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައްވެސް މި އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގެސްޓްހައުސްތަކަށް ހުއްދަ ދޭން ނިންމާފައިވީނަމަވެސް ޢާއްމުން ދިރިއުޅޭ ޢިމާރާތްތަކުގައި ހިންގާ ގެސްޓް ހައުސްތަކަށް މި އުސޫލުގެ ދަށުން ހުއްދައެއް ނުދިނުމަށް ވަނީ ނިންމާފައެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ދެނެގަތުމަށް ބޭނުންކުރާ ޓްރޭސްއެކީ އެޕްލިކޭޝަން ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ބޭނުންކުރުމަށްވެސް މި އުސޫލުގައި ވަނީ ބާރުއަޅާފައެވެ.

މި އުސޫލުގެދަށުން ޢާއްމުންގެ ގެތަކަށް ވަނުމުގެ ހުއްދަ ފަތުރުވެރިންނަށް ނެތްނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރަށުތެރޭގައި އުޅުމުގެ ފުރުޞަތު ވަނީ ދީފައެވެ. އަދި ފަތުރުވެރިން ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތަކަށް ވަނުމުގެ ހުއްދަ ފަތުރުވެރިންނަށް ދިނުމަށް ނިންމާފައިވީނަމަވެސް އެފަދަ ތަންތަނުން ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

މި އުސޫލުގައިވާގޮތުން ގެސްޓހައުސްއެއްގައި ހުރި ފަތުރުވެރިއަކު ނުވަތަ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެނަމަ އެމީހަކު އައިސޮލޭޓްކުރުމާއި ޕޮޒިޓިވްވާ މީހާއާއި ބައްދަލުވާ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ މީހުން ކަރަންޓީންކުރާނެ ތަންތަން ކަނޑައެޅަންޖެހެނީ ގެސްޓްހައުސްގެ ފަރާތުންނެވެ.

އެގޮތުން 500 އަށްވުރެ ގިނަ އެނދުގެ ގެސްޓްހައުސްތަކުގައި ޕޮޒިޓިވްވާ މީހުން އެކަހެރި ކުރުމަށާއި ކަރަންޓީން ކުރުމަށް 15 ކޮޓަރި ޚާއްޞަކޮށްފައި ހުންނަންޖެހެއެވެ. އަދި 100 އާއި 500އާ ދެމެދުގެ އެނދު ހިމެނޭ ގެސްޓްހައުސްތަކުން 8 ކޮޓަރި އަދި 100އަށްވުރެ މަދު އެނދު ހުންނަ ގެސްޓްހައުސްތަކުގައި 5 ކޮޓަރި އައިސޮލޭޓްކުރުމަށާއި ކަރަންޓީންގެ ގޮތުގައި ބޭނުންކުރުމަށް ކަނޑައަޅަންޖެހެއެވެ.

މި ތަންތަނަށް ބޭނުންވާ ސިއްޙީ ސާމާނާއި އެހީ ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭއާއި އެރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ރަށުގައި ޤާއިމުކޮށްފައިވާ މެޑިކަލް ޓާސްކް ފޯސް ގުޅިގެންނެވެ. ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހައި ރިސްކު މީހުން އެރަށެއް ހިމެނޭ ސަރަޙައްދީ ކޯވިޑް ފެސިލިޓީއަކަށް ބަދަލުކުރަންޖެހޭނެ ކަމަށްވެސް މި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15 ވަނަ ދުވަހުގައެވެ. އެކި ފިޔަވހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަސައްކަތުގައި އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ ރިސޯޓުތަކަށެވެ. އެއަށްފަހު ސަފާރީތަކަށް ހުޅުވަލާފައިވާއިރު މިހާރު ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށް ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ފުރުޞަތު ހުޅުވާލުމަށް މަސައްކަތް ކުރައްވަމުންނެވެ.