އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑަށް ގެސްޓްހައުސްތައް ފެތޭނަމަ އެރަށެއްގެ ކައުންސިލުން އެދުމުން ފަތުރުވެރިން ގެންދިއުމުގެ ހުއްދަ ދޭނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހާމަކުރައްވައިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްޢަދު ރިޟާ ވިދާޅުވީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ހުއްދަ ގެސްޓުހައުސްތަކަށް ދިނުމުގައި އެ ގެސްޓްހައުސްއެއްގައި ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށާއި އެޗްޕީއޭގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަވެފައިވާ މިންވަރަށް ބަލާނެ ކަމަށެވެ.
ގެސްޓްހައުސްތަކަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ވިޔަފާރިއަކަށްވާތީ ކައުންސިލްތަކާއި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަސްޢަދު ރިޟާ ވިދާޅުވިއެވެ. އަދި މިކަމުގައި ކޯވިޑް-19އާ ގުޅިގެން ރަށްރަށުގައި އެކުލަވާލާފައިވާ ކޯވިޑް ޓާސްކް ފޯސްތަކުގެ ދައުރުވެސް މުހިންމުކަމަށް އަސްޢަދު ވިދާޅުވިއެވެ.
"އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑުތަކާއި އެލައިންވާ ގޮތައް ގައިޑްލައިން އެކުލަވާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ގެސްޓްހައުސްތައް ހިންގާ ރަށްރަށުގެ ކައުންސިލުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގެސްޓްހައުސް ހުޅުވުމުގެ ހުއްދައަށް އެދުމުން މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަ ދެމުންގެންދާނެ. މި ގައިޑްލައިންގެ ދަށުން ކުރިން އޮޕަރޭޓްކުރިގޮތަށް މިނިވަންކަންމަތީ ގެސްޓްހައުސް އޮޕަރޭޓްކުރުމުގެ ފުރުސަތު ނޯވެދާނެ" އަސްޢަދު ވިދާޅުވިއެވެ.
ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ހުއްދަ ގެސްޓުހައުސްތަކަށް ދިނުމަށް ޓޫރިޒމް މިނިސްޓްރީން ނިންމާފައިވަނީ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި ވަކިވަކި ކައުންސިލްތަކާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި އެޗްޕީއޭގެ މަޝްވަރާގެ މަތިންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުގައިވާގޮތުން ގެސްޓްހައުސް ހިންގާ ޢިމާރާތްތަކަކީ ޢާއްމުން ދިރިއުޅޭ ޢިމާރާތަކަށް ވެގެން ނުވާނެއެވެ. އަދި ފަތުރުވެރިއަކު ނުވަތަ މުވައްޒަފަކު ޕޮޒިޓިވްވުމުން އެކަހެރިކޮށްފައި ބަހައްޓާނެ ތަނަކާއި ބަލި ޖެހިފައިވާ މީހުންނާއި ކޮންޓެކްޓްވާ މީހުން ކަރަންޓީންކުރާނެތަނެއްވެސް ހަމަޖައްސަންޖެހެއެވެ.
ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތްކަމުން ކޯވިޑް-19ގެ ސަބަބުން މި ދާއިރާއަށް ދިމާވެފައިވާ ހީނަރުކަމުން ސަލާމަތްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު ލޯކަލް ޓޫރިޒަމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައިވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކަކާއިއެކު ރަށްރަށުގައިހުރި ގެސްޓްހައުސްތަކުން ފަތުރުވެރިނަށް ޚިދުމަތް ދިނުމުގެ ހުއްދަ ދޭން މިހާރު މިވަނީ ނިންމާފައެވެ. ރާއްޖޭގެ 86 ރަށެއްގައި ދިހަހާހަށްވުރެ ގިނަ ގެސްޓްހައުސް އަންނަނީ ހިންގަމުންނެވެ.