ދުނިޔޭގެ ވިޔަފާރި

އިންޑިއާގައި އެޕަލްގެ އޮންލައިން ސްޓޯރއެއް ލޯންޗުކޮށްފި


އޮންލައިން ވިޔަފާރިއަށް ޚާއްސަކޮށްގެން އެޕަލްއިން އިންޑިއާގައި އޮންލައިން ސްޓޯރއެއް ހުޅުވައިފިއެވެ.

އެޕަލްއިން އިންޑިއާގައި އޮންލައިން ސްޓޯރއެއް ހުޅުވާފައި މިވަނީ އެކުންފުނިން އިންޑިއާގައި އެޕަލްގެ އުފެއްދުންތައް ވިއްކާތާ ގާތްގަނޑަކަށް 20 އަހަރު ފަހުންނެވެ.

އެޕަލްގެ އޮންލައިން ސްޓޯރއެއް އިންޑިއާގައި ލޯންޗުކޮށްފައިވާއިރު، މިހާތަނަށް އެޕަލްގެ އުފެއްދުންތައް އިންޑިއާގައި ވިއްކާފައިވަނީ ތާޑް ޕާޓީ ވެންޑާސް ނުވަތަ 3 ވަނަ ފަރާތެއް މެދުވެރިކޮށެެވެ. އަދި އެމެޒޯންއާއި ވޯލްމާޓް މެދުވެރިކޮށްވެސް އެޕަލްގެ ބައެއް އުފެއްދުންތައް އިންޑިއާގައި ވިއްކައެވެ.

އިންޑިއާގައި ލޯންޗުކުރި އޮންލައިން ސްޓޯރ މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެޕަލް ސްޓޯރތައް މެދުވެރިކޮށް ލިބޭ ހުރިހާ ޚިދުމަތެއް މި ސްޓޯރއިން ލިބޭނެކަމަށް އެޕަލްއިން ބުނެއެވެ. އެޕަލް އޮންލައިން ސްޓޯރގެ ސަބަބުން އިންޑިއާގައި ފުރަތަމަ ފަހަރަށް މެކްބުކް ކަސްޓަމައިޒްކުރުމާއި އެއަރޕޮޑްތަކުގައި އިންޑިއާގެ އެކި ބަހުރުވަތަކުން ނަންތައް އެންގްރޭވް ނުވަތަ ނަން އަޅާދިނުން ފަދަ ޚިދުމަތްތައް ލިބިގެންދާނެއެވެ.

އެޕަލްއިން އިންޑިއާގައި ސީދާ ވިޔަފާރި ނުފެށި ގިނަ ދުވަސްތަކެއް ވެފައިވަނީ ބޭރުގެ ކުންފުނިތަކުން އިންޑިއާގައި އޮޕަރޭޓްކުރުމަށް އެ ޤައުމުން ހަދާފައިވާ އުސޫލުތަކުގެ ސަބަބުންނެވެ. އެގޮތުން އިންޑިއާއިން ވަނީ މިފަދަ ވިޔަފާރިތަކުން ވިއްކާ ތަކެތީގެ 30 އިންސައްތަ ރޯ މެޓީރިއަލްއަކީ އިންޑިއާގެ ރޯ މެޓީރިއަލްއަށް ހެދުމަށް ޝަރުތުކޮށްފައެވެ. އެހެންނަމަވެސް، މި އުސޫލަށް އަމަލުކުރުމުގައި ގިނަ ކުންފުނިތަކަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ.

އެޕަލްގެ އޮންލައިން ސްޓޯރއެއް އިންޑިއާގައި ލޯންޗުކޮށްފައިވާއިރު އެޕަލްއިން މަސައްކަތްކުރަމުންދަނީ އަންނަ އަހަރުގެ ތެރޭގައި ކަސްޓަމަރުންނަށް ޒިޔާރަތްކުރެވޭ ގޮތަށް އެޕަލްގެ އައުޓްލެޓެއް އިންޑިއާގައި ހުޅުވުމަށެވެ.