ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ޓިކްޓޮކް މަނާކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރުކޮށްފި


އެމެރިކާގައި ޓިކްޓޮކް މަނާކުރަން އެޤައުމުގެ ސަރުކާރުން ނިންމާފައި އޮތް ނިންމުން، މަޑުޖައްސާލަން އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން އަމުރުކޮށްފިއެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުން މަޑުޖައްސާލުމަށް ކޯޓުން އަމަރުކޮށްފައި މިވަނީ، މީގެ ކުރިން ވީޗެޓް މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމުންވެސް އެމެރިކާގެ ކޯޓަކުން ހުއްޓުވާފައިވަނިކޮށެވެ.

ޓިކްޓޮކްއާ ގުޅޭގޮތުން އެމެރިކާގެ ކޮލަމްބިއާ ޑިސްޓްރިކްޓް ކޯޓުން ނެރުނު އަމުރުގައި ވަނީ އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓުން ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ނިންމިއިރު، ޓިކްޓޮކްއާ ދެކޮޅަށް ކުރާ ތުހުމަތުތައް ސާބިތުކޮށްދެވޭވަރުގެ ހެކިތަކެއް ދެއްކިފައިނުވާކަމަށެވެ.

ޑިސްޓްރިކްޓް ޖަޖް ކާލް ނިކޮލްސް މިދިޔަ ހަފުތާގެ ތެރޭގައި ނެރުއްވި އަމަރުގައިވާ ގޮތުން އެމެރިކާ ސަރުކާރުން އެ ޤައުމުގައި ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުން ފަސްކުރުމަށް ނުވަތަ ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުން ބަދަލުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އެހެން ނޫންނަމަ، ޓިކްޓޮކްއާ ދެކޮޅަށް ކުރާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް ކޯޓުން ވަނީ ފުރުސަތު ދީފައެވެ. އަދި މިކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާފައިވަނީ އިއްޔެ އެ ކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައެވެ. އިއްޔެގެ އަޑުއެހުމުގައި ވަނީ، އެމެރިކާގެ ސަރުކާރުން ޓިކްޓޮކާއި ދެކޮޅަށް ކުރާ ތުހުމަތައް ސާބިތުކުރުމުގެ ފުރުސަތު އަރުވާފައެވެ. އެހެންނަމަވެސް ޓިކްޓޮކްއާ ދެކޮޅަށް ކުރާ ތުހުމަތުތައް ސާބިތުކޮށްދެވޭވަރުގެ ހެކިތަކެއް ދެއްކިފައިނުވުމުން އެމެރިކާގައި ޓިކްޓޮކް މަނާކުރަން އެޤައުމުގެ ސަރުކާރުން ނިންމާފައި އޮތް ނިންމުން، މަޑުޖައްސާލަން ވަނީ އަމުރުކޮށްފައެވެ.

އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގެ މި ނިންމުމަށް ޓިކްޓޮކްއިން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ޙައްޤުތައް ދިފާޢުކުރުމުގައި ދެމިހުންނާނެކަމަށް ޓިކްޓޮކުން ވަނީ ބުނެފައެވެ. ޓިކްޓޮކުން ވަނީ އެމެރިކާ ސަރުކާރުގެ މި ފިޔަވަޅުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރާނެކަމަށް ބުނެފައެވެ. އެގޮތުން ޓިކްޓޮކް ބޭންކުރުމުގެ ސަބަބުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް އެ ކުންފުނިން ބުނެއެވެ.

މި މައްސަލާގައި ވާހަކަދައްކަމުން އެމެރިކާ ސަރުކާރުގެ ލޯޔަރުންގެ ޓީމުން ވަނީ ޓިކްޓޮކްއަކީ ޗައިނާގެ ވެރިކަން ކުރާ ޗައިނާ ކޮމިއުނިސްޓް ޕާޓީ، ސީސީޕީގެ މައުތް ޕީސްކަމަށް ސިފަކޮށްފައެވެ.

ޓިކްޓޮކް މަނާކުރުމުގެ އަމުރު ފަސްކުރަން ކޯޓުން އަމުރު ނެރެފައި މިވަނީ، އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމުގެ ސުންގަޑި ވަރަށް ކައިރިވެފައިވަނިކޮށެވެ. އެހެންނަމަވެސް، ކޯޓު އަމުރާއެކު އެމެރިކާގައި ވަކި އުސޫލުތަކެއްގެ ދަށުން ޓިކްޓޮކް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެމެރިކާގައި ކޯޓު އަމުރެއްގެ ދަށުން ޓިކްޓޮކް މަނާކުރުން މަޑުޖައްސާލާފައިވާއިރު، އެމެރިކާގައި ވީޗެޓް ބޭނުންކުރުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އެ ޤައުމުގެ މެޖިސްޓްރޭޓް ކޯޓަކުން މި މަހު 21 ވަނަ ދުވަހު ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން މިކަމުގައި ސުލްހަވެރި ހައްލަކަށް އާދެވޭތޯ ދެ ފަރާތުންވެސް މަސައްކަތްކުރިއެވެ. އެގޮތުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަން އެމެރިކާގެ ކުންފުންޏަކަށް ބަދަލުކުރުމަށް އެމެރިކާގެ އޮރެކަލް ކުންފުންޏާއެކު އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމަސައްކަތް ކޮޅެއްގައި ޖެއްސުމަށް އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ޓިކްޓޮކްއަށް އިތުރު މުހުލަތެއް ދީފައެވެ.

އެހެންނަމަވެސް، މި މައްސަލަ އަނެއްކާވެސް ހޫނުވެގެން ދިޔައީ ޓިކްޓޮކް މެޖޯރިޓީ ހިއްސާ ނުވަތަ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ ކުންފުނިތަކަކަށް ނުދީ އެ ޤައުމުގައި ޓިކްޓޮކް ބޭނުން ނުކުރެވޭނެކަމަށް އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕް ވިދާޅުވުމާއި ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިމަހުގެ މެދާހަމައަށް ދާއިރު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ޓިކްޓޮކް އެމެރިކާގައި މަނާ ކުރާނެކަމަށް ކުރިން ވިދާޅުވެފައެވެ. އަދި އެމެރިކާގެ ހުށަހެޅުންތައް ޤަބޫލުކޮށްގެން ނޫނީ މި އެއްބަސްވުން ޤާއިމު ނުކުރެވޭނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. މި މައްސަލާގައި އެމެރިކާގެ ސަރުކާރުން ބަސް ބުނަމުންދާއިރު، ޗައިނާ ސަރުކާރުގެ ރުހުންވެސް އެއްބަސްވުމަށް ލިބިގެން ނޫނީ މި އެއްބަސްވުން ކާމިޔާބެއް ނުވާނެއެވެ. ނަމަވެސް މި އެއްބަސްވުމަށް ޗައިނާއިން ރުހުން ދިނުމަކީ ދުރުކަމެއްކަމަށް ޚަބަރުތައް ބުނެއެވެ.