ދުނިޔެ

އުމްރާއަށް ހުއްދަދޭނީ އެ ޤައުމެއްގެ ކޯވިޑްގެ ހާލަތައް ބެލުމަށްފަހު- ސައުދީ


ޚަރަމްފުޅު އަލުން ހުޅުވާލާއިރު އުމްރާގެ އަޅުކަމުގައި އަދި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރުގެ މީހުންކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެެޅި ފިޔަވަޅެއްގެ ގޮތުން ޙަރަމުފުޅު ބަންދުކޮށްފައި އޮންނަތާ 6 މަސްދުވަހުން އަންނަ މަހުގެ 4 ވަނަދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް އަލުން ހުޅުވާލުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. ހަރަމް ހުޅުވުމަށް ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އުމްރާގެ އަޅުކަމަށް ރަޖިސްޓްރީކުރުމަށް މައްކާގެ ރައްޔިތުންނަށް އިއްޔެ ހުޅުވާލުމުން ފުރަތަމަ ފަސް ގަޑިއިރުގެ ތޭރޭގައި 72 ހާހަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ސައުދީ ސަރުކާރުން ބުނީ އުމްރާގެ އަޅުކަމަށް ޚަރަމްފުޅަށް އެތެރެވުމުގެ ހުއްދަދޭނީ ރަޖިސްޓްރީކުރާ މީހުންނަށް އެކަނިކަމަށާއި އުމްރާވުމަށް ރަޖިސްޓްރީވާ މައްކާގެ ރައްޔިތުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް އުމްރާވުމަށް އަންނަ މީހުން 12 ގްރޫޕަކަށް ބަހާލާ ކޮންމެ ގްރޫޕަކަށްވެސް އުމްރާ ފުރިހަމަކުރުމަށް ލިބޭނީ 3 ގަޑިއިރުގެ ވަގުތެއްކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ. އަދި މީގެ ކޮންމެ ގްރޫޕެއްގައިވެސް އިސްކޮށް ހުންނާނީ ސިއްޙީ މާހިރެއްކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާއަށް ހުޅުވާލިނަމަވެސް ތަވާފްކުރާ މީހުން ތަވާފްކުރަން ޖެހޭނީ ކައުބަތުﷲ ގެފުޅުގެ ވަށައިގެން ހަރުކޮށްފައިވާ ރިންގުގެ ބޭރުންކަމަށާއި އެއްވެސް މީހަކަށް ގެފުޅުގައި ބޮސްދީ އަތްބީއްސާ ނެހެދޭނެކަމަށްވެސް ސައުދީ ބުނެއެވެ. އަދި ދުވާލަކު 10 ފަހަރަށް ޚަރަމްފުޅު ސްޓެރެލައިޒްކުރާނެކަމަށްވެސް އެ ޤައުމުން ބުނެއެވެ.

ސައުދީން ބޭރުގެ ރައްޔިތުންނަށް އުމްރާއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަދުވަހުން ފެށިގެންނެވެ. ސައުދީ ސަރުކާރުން ބުނީ އެހެން ޤައުމުތަކުގެ ރައްޔިތުން އުމްރާވުމަށް ކަނޑައަޅާ އުސޫލްތައް ޤައުމުތައް ވަކިވަކިން އެގޭގޮތަށް އާއްމުކުރާނެކަމަށެވެ. އަދި ޤައުމުތަކަށް އުސޫލްތައް ކަނޑައަޅަނީ އެ ޤައުމެއްގައި ކުރިޔަށް އޮތް ހަފްތާތަކުގައި ކޯވިޑްގެ ހާލަތު އޮންނަ ގޮތަކަށް ބަލައިގެންކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ސައުދީގައި ކޯވިޑް ޖެހޭ މިންވަރު މިހާތަނަށް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައެވެ. ބަލީގެ އެންމެ ހާލަތު ބޮޑުވި ދުވަސްވަރު ބަލިޖެހޭ މީހުންގެ އަދަދު އެތައް ހާހެއް މަތީގައި ހުރިނަމަވެސް މިހާރު މިއަދަދު ވަނީ 500 ވުރެ ދަށަށް ޖެހިފައެވެ. ސައުދީން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 403 މީހުންނެވެ. މި ބަލީގައި އެ ޤައުމުގައި މިހާރު ފަރުވާ ހޯދަމުން އަންނަނީ 11 ހާސް މީހުންނެވެ.