ވިޔަފާރި

ސްވިޓްޒަލޭންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި

ސްވިޓްޒަލެންޑުގެ އެޑެލްވެއިސް އެއަރލައިންއިން، ސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

ސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވަނީ މިއަދުއެވެ. އެޑެލްވެއިސްގެ ފުރަތަމަ ފްލައިޓް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުއެވެ.

ކޯވިޑް-19 އަށްފަހު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އެޑެލްވެއިސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާއިރު މި ދަތުރުތައް ކުރާނީ ސްވިޓްޒަލެންޑުގެ ޒިއުރިކުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އެ އެއަރލައިނުން ހަފުތާއަކު 2 ފްލައިޓް ރާއްޖެއަށް އޮޕަރޭޓްކުރާނެއެވެ. އަދި އެއަރލައިންގެ ވެބްސައިޓުން އަންނަ އަހަރުގެ ސެޕްޓެމްބަރުމަހާ ހަމައަށް ރާއްޖެ އައުމަށް ބުކިންގ ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ސްވިޓްޒަލޭންޑުން ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާއިރު، އެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރުވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ސްވިޓްޒަލޭންޑް ހިމެނެއެވެ. އެގޮތުން މިދިޔަ އަހަރު އެޤައުމުން 33 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ސްވިޒަލޭންޑްގެ އެޑެލްވެއިސްއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމާއިއެކު މިއީ ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާ 9 ވަނަ އެއަރލައިންއަށެވެ. އެޑެލްވެއިސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމުގެ ސަަބަބުން އަނެއްކާވެސް އެގައުމުގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމުގެ މަގު ފަހިވެގެންދާނެއެވެ.

އަލިފަލައިލާ

ރަނގަޅު ކަ މެކެވެ.