ޚަބަރު

ޑރ.ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ


ކުރީގެ އިސްލާމިކް މިނިސްޓަރު އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޑޮކްޓަރު އަޙްމަދު ޒިޔާދުގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ މައްސަލާގައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ޑރ ޒިޔާދު އިސްލާމިކް މިނިސްޓަރުގެ ކަމުގެ މަޤާމުގައި ހުންނަވައިގެން ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލާއި ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާކަމަށެވެ. އަދި މި މައްސަލާގައި ޑރ ޒިޔާދުފގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.

މި ކުށް ސާބިތުވެއްޖެނަމަ ޑރ ޒިޔާދުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، މ. މުޙައްމަދީ އާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށްވެސް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ޕީޖީ އޮފީހުން ވަނީ އުފުލާފައެވެ. އެ ދައުވާގައި ބުނެފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާއި ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސް ޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށް އެ ކުންފުންޏަށް ނާޖައިޒު ފައިދާއެއް ހޯދާއިދޭން އިބްރާހިމް އަބްދުﷲ މަސައްކަތް ކޮށްފައިވާކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ޒިކުރާ މިސްކިތުގެ 10 ބުރީގެ އިމާރާތެއް އެޅުމަށް ކޮށްފައިވާ މުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީ ކިޔާ ކުންފުޏެއްކާވެސް މުޢާމަލާތު ކޮށްފައިވާކަމަށެވެ. އަދި މިކަމުގެ ތެރޭގައި ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެކުންފުނީގެ ބައެއް އިސްވެރިންގެ މައްސަލަ ތަހުޤީގުކުރުމަށް ފުލުހުންނަށް ހުށައެޅުމަށް އޭސީސީއަށް އަންގާފައިވާކަމަށްވެސް ޕިޖީ އޮފީހުން ވިދާޅުވެއެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސް ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ އެކަން ހިންގާފައިވާ ގޮތް އިތުރަށް ތަޙްޤީޤްކޮށް، އެކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް ފުލުހުންނަށް ހުށައެޅުމަށްވެސް އޭސީސީއަށް ލަފާދީފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޒިޔާދުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ޒިކުރާ މިސްކިތުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރީ 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 130 މިލިއަން ރުފިޔާއަށެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ސަރުކާރުން ދިނުމަށްވެސް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގައި ވާ ގޮތުން މަސައްކަތް ނިމުމަށްފަހު އިމާރާތުގެ 7 ފްލޯ 10 އަހަރު ދުވަހުގެ މުއްދަތަށް އެސްޖޭ ކޮންސްޓަރަކްޝަނަށް ދޭންޖެހެއެވެ.

މި މަސައްކަތް އެ ކުންފުންނާއި ހަވާލުކޮށްފައިވަނީ އެކަމަށް ކަމާއިބެހޭ އިދާރާތަކުން ހުއްދަ ނުދެނީސސް ބީލަމަކަށް ނުލާކަމަށް އެސީސީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.