ވިޔަފާރި

ރާއްޖޭގެ އިޤްތިޞާދު ކުރިން އޮތް ހިސާބަށް ދާނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު- އަމީރު


އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެ، އިޤްތިޞާދު ކުރިން އޮތް ހިސާބަށް ދެވޭނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރުކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވިދާޅިއެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ އިޤްތިސާދު ކުރިއަރައިގެން ދިޔައީ 5.7 އިންސައްތައިގައެވެ. އަދި 2020 ވަނަ އަހަރު ޤައުމީ އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ދައުލަތުން ކުރިން ލަފާކޮށްފައިވަނީ 7.5 އިންސަތައިންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވީ މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 17 އިންސައްތަ ދަށްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެ، އިޤްތިސާދަށް އޭގެ އަސަރުކޮށްފައިވުމާއެކު ރާއްޖޭގެ އުފެއްދުންތެރިކަން ދަށަށްދާނެކަމަށެވެ.

" 2019ވަނަ އަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ، އެމިންވަރަށް އެބަދާން ޖެހޭ ކުރީގަ އޮތް ހާލަތަށް ރުޖޫއަވުމަށްވެސް، އަޅުގަނޑު ދެކެނީ 2022 ވަނަ އަހަރަށް ދާއިރު، އެ ހިސާބަށް ދެވޭނެ ކަމަށް" މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މާލެ ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުގެ މަސައްކަތާއި، ބުރިޖުގެ މަސައްކަތާއި، ޕީއެސްއައިޕީގެ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. މި މަޝްރޫޢުތަކާއި އެކުވެސް އިޤްތިސާދީ އިތުރު ހަަރަކާތްތައް ފެށި ކުރިން އޮތް ހާލަތަށް ރުޖޫޢަވުމަށް ނަގާ ދުވަސްތައް މަދުކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މާލެ ޕޯޓުގެ މަސައްކަތާއި، ބުރިޖުގެ މަސައްކަތާއި، ރާއްޖޭގެ 34 ރަށެއްގެ ފެނާއި ނަރުދަމާނެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ، އދި އަތުރު 30 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށިގެންދާނެ، މީގެ އިތުރުންވެސް ޕީއެސްއައިޕީގެ އިތުރު ޕްރޮޖެކްޓްސްތައް ފެށިގެންދާނެ،" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރުން މިއަހަރު 2 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވީނަމަވެސް މި އަމާޒު ހާސިލްވާނެ ކަމަކަށް މިހާރު ސަރުކާރުންވެސް ޤަބޫލެއް ނުކުރެއެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ވަނީ އަލުން ފަތުރުވެރިންނަށް ހުޅުވާލާފައެވެ. މިއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ރިސޯޓުތަކާއި ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން ހުޅުވަމުންދާއިރު، އިޤްތިސާދީ ހަރަކާތްތައްވެސް ދަނީ އިތުރުވަމުންނެވެ.