ވިޔަފާރި

މިދިޔަ 5 އަހަރަށްވުރެ، މިދިޔަ 2 އަހަރު ހަވާލުކުރި މަޝްރޫޢުތައް ގިނަ- އަމީރު


ކުރީ ސަރުކާރުގެ 5 އަހަރުތެރޭގައި މަޝްރޫޢުތައް ހިންގުމަށް އެކި ފަރާތްތަކާއި ހަވާލުނުކުރާ މިންވަރަށް ފާއިތުވި 2 އަހަރުތެރޭގައި މި ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމުގައި އާއްމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވީ މިސަރުކާރުން މިދިޔަ 2 އަހަރުތެރޭގައި ޙަވާލުކުރި މަޝްރޫޢުތަކުގެ އަގު 6 ބިލިއަން ރުފިޔާއާ ގާތްކުރާކަމަށެވެ.

" ކިތައް މަޝްރޫޢުތޯ ރާއްޖޭގެ އެއްފަހަރާ ކުރިއަށް އެދަނީ، މަދު ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމެއް އެބަކުރިއަށްދޭ، ކިތަށް ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެއްފަހަރާ ކުރިއަށް އެދަނީ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މި ސަރުކާރުން ބޭނުންވަނީ އިޤްތިސާދު ފުޅާކުރުމަށް ކަމަށާއި، ސަރުކާރުގެ ގިނަ ވައުދުތައް ފުއްދުމުގެ މަސައްކަތް ކޯވިޑުގެ ހާލަތުގައިވެސް ކުރަމުންދާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި ލޯނު ހޯދުމަކުން އިޤްތިސާދު ކުރިއަރައިގެން ނުދާނެ ކަމަށާއި، އިޤްތިސާދު ކުރިއަރައިގެންދާނީ އެނަގާ ލޯންތަކުން ކުރެވޭ މަސައްކަތްތަކުންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.