ކުޅިވަރު

ކުރެވުނު ހުރިހާ ކަމެއް ކުރިން، މިއީ ބުރަ މަސައްކަތުން ހޯދުނު ތިން ޕޮއިންޓް: ޒިދާން


ސްޕެނިޝް ލީގުގައި ފަހަތުން އަރައި ރެއާލް ބެޓިސް ބަލިކޮށް ތިން ޕޮއިންޓް ހޯދުނީ މެޗުގައި ކުރި ބުރަ މަސައްކަތުން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ މެޗުން މޮޅުވާން މެޑްރިޑުގެ ކުޅުންތެރިންނަށް ކުރެވުނު ހުރިހާ ކަމެއް ކުރިކަމަށެވެ. މެޗާ ކުރިމަތިލީއިރު ލީގުގެ ފުރަތަމަ ދެ މެޗު ބެޓިސްއިން ކާމިޔާބުކޮށްފައިވުމުން މެޗުގައި އެޓީމުގެ ދަނޑުގައި ކުޅެން އުނދަގޫވި ކަމަށް ޒިދާން ބުންޏެވެ. ރޭ މެޑްރިޑުން ހޯދި މޮޅުގައި ކީޕަރު ތިބައޫ ކޯޓުއާގެ ހިއްސާ ބޮޑުކަން ޒިދާން ވަނީ ފާހަގަކޮށްފައެވެ. މެޗުން ރެއާލް މެޑްރިޑް މޮޅުވީ ޕެނަލްޓީއަކުން ސާޖިއު ރާމޯސް ކާމިޔާބުކުރި ލަނޑުންނެވެ.

މެޑްރިޑުގެ ކޯޗު ޒިދާން ބުނީ މެޗުގައި ހިނގާދިޔަ އެއްވެސް ކަމަކާ ގުޅޭގޮތުން ރެފްރީއާ އޭނާ ވާހަކަ ނުދައްކާ ކަމަށާއި މެޗުގައި ރެފްރީއެއް ހުރެ އޭނާގެ ނިންމުންތަކާ ގުޅޭގޮތުން ޖެހިގެން އަންނަ މެޗުގެ ކުރިން އަމިއްލަ ރިވުއު ހަދާނެކަމަށެވެ. އޭނާ ބުނީ މެޗުގައި އިދިކޮޅު ޓީމުގެ މައްޗަށް ކުރި ހޯދުނީ ތަފާތުގެ ގޭމެއް އެމީހުންގެ ހާފް ތެރޭގައި ކުޅެގެންކަމަށެވެ.

ހުސްވި ސީޒަންގައި ސްޕެނިޝް ލީގު މެޑްރިޑަށް ކާމިޔާބުކޮށްދިން ކޯޗު ބުނީ ފުޓްބޯޅަ ކުޅޭނެ ތަފާތު ގޮތްތައް ހުންނަކަމަށެވެ. ޒިދާން ބުނީ މެޗުން ތިން ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭކަމަށާއި، މަސައްކަތް ކުރާނީ ކާމިޔާބު ސީޒަނަކަށް މި ސީޒަން ހެދޭތޯކަމަށެވެ.

ރޭގެ މެޗުން މޮޅުވުމާއެކު ޒިދާން ވަނީ ރެއާލްގެ ކޯޗުކަމުގައި 100 މޮޅު ހަމަކޮށްފައެވެ. ރޭ ހޯދި މޮޅާއެކު ލީގުގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން ގްރެނެޑާއެވެ.