ޚަބަރު

ފެރީއިން ދަތުރުކުރި 65 މީހަކު މާލެ ގެނެސްފި


މާލެއިން މާމިގިއްޔަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ފެރީން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް 65 މީހަކު މާލެ ގެނެވިފައިވާއިރު، މީގެތެރެއިން 16 މީހަކު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީގައި އދ. މާމިގިއްޔަށް ގެންގޮސްފި ކަމަށް ކޯސްޓް ގާޑުން ބުނެފިއެވެ. 

ޖުމްލަ 81 އެއްމީހުން ގޮވައިގެން ދަތުރުކުރި ކަމަށް ބެލެވޭ މިފެރީ އަޑިއަށް ދިޔަ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައިވާކަމުގެ މަޢުލޫމާތެއް އަދި މިހާތަނަށް ލިބިފައެއްނުވެއެވެ. 

އެހެންނަމަވެސް، ފެރީން ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް ކަނޑުމަގުން ކުރަމުންދާއިރު، ވައިގެ މަގުން އެ ސަރަޙައްދު ބެލުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ. 

މާލެއިން ފުރައިގެން އދ. މާމިގިއްޔަށް ދަތުރުކުރި މި ފެރީ އަޑިއަށް ދިޔައީ ކ.ވާގަލި ކައިރިއަށް ކަމަށާއި، ދޯނިން ދަތުރުކުރި މީހުން ކަނޑުވުމާއި ގުޅިގެން އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފެށިކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

" މިހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 5:45 ހާއިރު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު ކޯސްޓްގާޑްގެ ހާބަރކްރާފްޓް ވަނީ އެސަރަހަށްދަށް ދިއުމަށް ފުރާފައި. މިހާދިސާގައި އަޑިއަށް ގޮސްފައި ވަނީ އދ. މާމިގިއްޔަށް ދަތުރުކުރި "ސަން" ނަމަކަށް ކިޔާ ފެރީ. މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ އެސަރައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން. " އެމްއެންޑީއެފުން ބުނެއެވެ. 

މާމިގިއްޔާ ދިގުރަށާ ފެންފުށްޓަށް ދަތުރުތައް ކުރާ މިފެރީ އަޑިއަށްގޮސްފައިވަނީ ފެރީ މާލެއިން ފުރައިގެން ދަނިކޮށް ކަނޑުގަދަވެގެން އެހެންރަށެއްގައި މަޑުކުރުމަށްފަހު އަލުންދަތުރުކުރަމުން ދަނިކޮށް ފިހާޅޮއްސާ ހިސާބުންކަމަށް ފެރީން ދަތުރުކުރި މީހުންނާ ހަވާލާދީ ފުލުހުން މަޢުލޫމާތުދެއެވެ.

މިހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން މާލެ ގެނެވުނު މީހުންގެ ތެރޭގައި ހިމެނޭ ބައެއް ކުޑަކުދިންގެ ހާލުދެރަ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ އިތުރުން ވިލާގެ ލޯންޗެއްގައާ ކޯސްޓްގާޑުގެ ލޯންޗެއްގައިވެސް މި ހާދިސާގައި ކަނޑުވި މީހުން މާލެގެނައުމުގެ މަސައްކަތް ކުރެވެމުން ދިއަކަމަށް ފުލުހުން ބުނެއެވެ. އަދި ކައިރި ރިޒޯޓްތަކަށްވެސް ބައެއް މީހުން ގެންގޮސްފައިވާކަމަށާއި، ފުލުހުންނާ ކޯސްޓްގާޑު ގުޅިގެން އަދިވެސް ފެރީ އަޑިއަށްދިޔަށް ދިޔަ ސަރަހައްދު ބަލަމުންދާކަމަށް ފުލުހުންނާ ކޯސްޓްގާޑުން ވެސް މަޢުލޫމާތުދެއެވެ.

މިފެރީ އިން ޖުމްލަ 81 މީހުން ދަތުރުކުރި ކަމަށް މިހާތަނަށް ބެލެވިފައިވާއިރު، އޭގެތެރެއިން 55 މީހުންނަކީ ދިވެހިންނެވެ. އޭގެ އިތުރުން، ޝްރީލަންކާ 1، އިންޑީއާ 2، ޖަރުމަނު 4 އަދި ބަންގްލަދޭޝް 19 މީހުން ހިމެނެއެވެ.