ވިޔަފާރި

ފެލިވަރާއި ކޫއްޑޫގެ ތަރައްޤީގެ ބޮޑު މަޝްރޫޢެއް ފަށަނީ


ފެލިވަރާއި ކޫއްޑޫގެ ތަރައްޤީގެ ބޮޑު މަޝްރޫޢެއް ފެށުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޒިޔާދު ވިދާޅުވީ، މިފްކޯގެ ތަރައްޤީގެ ބޮޑެތި މަސައްކަތްތަކެއް ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރަމުންދާކަމަށެވެ. އެގޮތުން މިވަގުތު ފެލިވަރުގެ ތަރައްޤީގެ ބޮޑު މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާކަމަށް ޒިޔާދު ވިދާޅުވިއެވެ.

ފެލިވަރުގެ ތަރައްޤީގެ މަޝްރޫއުއަކީ 12 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ތެރެއިން މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ފެލިވަރަށް 12 މިލިއަން ޑޮލަރުގެ މަޝްރޫއެއް މިއީ. ފެލިވަރުގެ ބަނދަރު ބޮޑުކުރުމާއި، ދޯނިފަހަރަށް ދެވޭ ހިދުމަތް ރަނގަޅުކުރުމާއި، ކޯލްޑް ސްޓޯރޭޓް ކެޕޭސިޓީ އިތުރުކުރުމާއި އަދި އެތަނުގައި ވެލިއު އެޑްކުރުމުގެ މަސައްކަތް އެބައާދޭ." ޒިޔާދު ވިދާޅުވިއެވެ.

ކޫއްޑޫއާއި ކަނޑުއޮށްގިރި އަދި ދެކުނުގެ ބައެއް ސަރަހައްދުތަކުގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމްކުރުމާއި އެއްކޮށް 14 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށް ޒިޔާދު ވިދާޅުވިއެވެ. މި މަޝްރޫއުގެ ސަބަބުން ކޫއްޑޫގައި 4000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ކޫއްޑޫ މަޝްރޫއިން ކޫއްޑޫގެ ބަނދަރުގެ ސަރަހައްދު ބޮޑުކުރެވި، މަސްވެރިންނަށް ބަނދަރުގައި ހުރި ދަތިތައް ފިލުވާލާ، މަސްގަތުމުގެ މަސައްކަތް އަވަސްކޮށް އަދި 4000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރެވޭނެ. މި ޕްރޮޖެކްޓްގެ ދަތުން އިތުރު 50 ޓަނުގެ އައިސް ލިބޭނެ އިންތިޒާމް ދެކުނުގައި ޤާއިމްކުރެވޭނެ." ޒިޔާދު ވިދާޅުވިއެވެ.

ކޫއްޑޫއާއި ފެލިވަރުގެ އިތުރުން ކަނޑުއޮށްގިރީގައިވެސް ބަނދަރު ބޮޑުކޮށް ޕެކިން ފެސިލިޓީއެއްގެ ގޮތުގައި އަމިއްލަ ފަރާތްތަކަށް ކަނޑުއޮށްގިރި ތަރައްޤީ ކުރެވިގެންދާނެކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓްގެ ތެރެއިން ކަނޑުއޮށްގިރީގައި ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ކެޕޭސިޓީވެސް އިތުރުވެގެންދާނެއެވެ.