ވިޔަފާރި

އާއްމު ފަރާތްތަކަށް މަސް ބަންދު ކޮށްދިނުމުގެ ޙިދުމަތް ކަނޑުއޮތްގިރީގައި އަލުން ފަށަނީ


"ކަނޑުއޮތްގިރީ ފިޝްވިލެޖް" ހުންނަ މިފްކޯގެ ފްރެޝް ފިޝް ޕްރޮސެސިންގ ޕްލާންޓްއިން އާއްމު ފަރާތްތަކަށް ދެމުންދިޔަ މަސް ބަންދު ކޮށްދިނުމުގެ ޚިދުމަތް އަލުން ފެށުމަށް މިފްކޯއިން ނިންމައިފިއެވެ.

މިފްކޯއިން ބުނީ މީގެ މަޤްޞަދަކީ، މަސްވެރިކަމުގެ ޞިނާޢަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައްވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރުކޮށް، އެކްސްޕޯޓްކުރުމުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ކަނޑުއޮތްގިރީގައި ޕެކިންގެ ޙިދުމަތް ފެށުމަށްޓަކައި ގިނަ ތައްޔާރީތަކެއްވެފައިވާ ކަމަށެވެ.

" އެތަން މިހާރު އޮތް ހާލަތަށް ގެންނަން ވަރަށް ބޮޑު ޙަރަދުތަކެއް ކުރަން ޖެހުނު ޚާއްސަކޮށް އޮޑިޓުތައް ކުރަން، އެއީ ބޭރުގެ އޮޑިޓުތަކަށް، ޔޫރަޕުގެ އޮޑިޓުތައް އެއީ،" އިސްމާއިލް ވިދާޅުވިއެވެ.

ރާއްޖެއިން އެކްސްޕޯޓްކުރާ ތާޒާ މަހުގެ ބާވަތްތައް އިތުރުވެގެން ދިޔުމުން، ރާއްޖެއަށް އެތެރެވާ ބޭރުފައިސާގެ މިންވަރުވެސް އިތުރުވެގެންދާނޭކަމަށް މިފްކޯއިން ބުނެއެވެ.

ކަނޑުއޮތްގިރީގައި ބޮޑުކަންނެއްޏާއި ފަރުމަސް ބަންދު ކުރުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި މިފްކޯއަށް ފޯމެއް ހުށަހަޅަންޖެހެއެވެ. ކަނޑުއޮތްގިރީގެ ވަޞީލަތްތައް ހުރި މިންވަރުން ފުރުޞަތު ދެވޭނެ ކަމަށާއި "ކަނޑުއޮތްގިރީ ފިޝްވިލެޖްގައި މަސް ޕެކްކުރުމަށް އެދި ހުށަހަޅާފޯމް" މިފްކޯގެ ވެބްސައިޓްއިން ޑައުންލޯޑް ކުރެވޭނެކަމަށް މިފްކޯއިން ހާމަކުރެއެވެ.

ކަނޑުއޮތްގިރިން ޕެކިންގެ ޙިދުމަތް ދިނުން މެދުކެނޑިފައި އޮންނަތާ މިހާރު ގާތްގަނޑަކަށް 4 އަހަރުވެފައިވާކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. އަދި ކަނޑުއޮތްގިރިއަށް ލަފާފުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް އެރަށުގެ ބަނދަރު މަރާމާތު ކުރުމަށްވެސް ނިންމާފައިވާ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.