ގެސްޓް ހައުސް އޮޕަރޭޓްކުރާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭ ގޮތަށް ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ ދަތުރުކުރުމުގައި ކަރަންޓީންކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި ބެހޭ އުސޫލަށް ބަދަލުގެނެސްފިއެވެ.
ކޯވިޑް-19އާއި ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ޢާއްމުކޮށްފައިވާ ދަތުރުފަތުރުކުރުމުގައި ކަރަންޓީންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުގައި ވަނީ ގެސްޓްހައުސް ހުންނަ ރަށްތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފަތުރުވެރިން މެދުނުކެނޑި އަންނަ ރަށްރަށްކަމުން ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތްކަމަށެވެ. އަދި ގެސްޓް ހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ރަށްރަށުގެ ޢާއްމުންނާއި ގިނައިން ދިމާވާނެ ބަޔަކަށްވާތީ ރަށްރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުން އެހެން ރަށަކަށްދާނަމަ މިހާރުވެސް ޢަމަލުކުރަމުން އަންނަ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ "ރަށްރަށުގައި ގޭގައި ކަރަންޓީންވުމުގައި ޢަމަލުކުރަންވީ އުސޫލު"ގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މީގެއިތުރުން ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުތަކުން ރަށްރަށަށް ދިޔުމުގައި އަދި ކޯވިޑް-19ގެ ނުރައްކާ މިހާރު އެންމެ ބޮޑު، ވެރިރަށް މާލެއިން ރިސޯޓުތަކަށް ދިޔުމަށްވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭގޮތަށް އުސޫލު ވަނީ އިސްލާޙުކޮށްފައެވެ. މީގެތެރޭގައި އަދި އޮޕަރޭޓްކުރަން ނުފަށާ އެހެންނަމަވެސް ރިސޯޓު ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ރިސޯޓުތަކުންވެސް މި އުސޫލަށް ޢަމަލުކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ޢާއްމުކޮށްފައިވާ އުސޫލުގައިވަނީ މިވަގުތު އޮތް ޙާލަތުން މާލެއިން އަދި އެނޫންވެސް ރަށެއްގައި ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ މުޖުތަމަޢުތެރޭގައި ބަލި އުޅޭކަމަށް އެޗްޕީއޭއިން ކަނޑައަޅާ ރަށަކުން އެހެންރަށަކަށް ދަތުރުކުރާނަމަވެސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭގޮތަށް ވަނީ އުސޫލަށް އިތުރުކޮށްފައެވެ. މީގެތެރޭގައި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށަކަށް ނުވަތަ މީހުން އުޅޭ ރަށަކުން ސިނާޢީ މަސައްކަތްކުރާ ރަށަކަށް ދާނަމަވެސް ކަރަންޓީން ވާންޖެހެއެވެ.
ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދަތުރުފަތުރުކުރުމުގައި ކަރަންޓީނުކުރުމާއި ކަރަންޓީން ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލަށް ބަދަލުގެނެސްފައިމިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށްރަށުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިހާރުވެސް މާލެއިން ރަށްރަށަށް ދަތުރުކުރާއިރު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހެއެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުން އަންނަ މީހުންވެސް ކަރަންޓިން ފުރިހަމަ ކުރަންޖެހެއެވެ. ދަތުރުފަތުރުކުރުމަށް ކަރަންޓީންވުމަށް އެޗްޕީއޭގެ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ގޭގައި ކަރަންޓީންވާން އެދޭ ފޯމު ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. މީގެ ދަށުން ގޭގައި ކަރަންޓީންވާ މީހުންގެ 14 ދުވަހުގެ ކަރަންޓީން މުއްދަތް ހަމަވުމުން އެމީހެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރެއެވެ.
ދަތުރުފަތުރކުރމުގައި ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަމަށް ކަރަންޓީންވާ މީހުންނާއި އެސަރަޙައްދުގައި ދިރިއުޅޭ މީހުން ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާކުރައްވައެވެ. ބަލި ކޮންޓްރޯލްކުރުމަށް މިފިޔަވަޅުތަކަށް ބޯލެނބުމަކީ މުހިއްމުކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިސާލު
މިސާލަކަށް އެމަރޖެންސީކޮށް ބަލިވެގެން އަތޮޅު ހޮސްޕިޓަލަށް ދާމީހާވެސް ކަރަންޓީން ވާންޖެހޭނެތާ