ވިޔަފާރި

ގއ.މާނަގަލާގައި ބޭންގު އާލާކުރުމުގެ މަޝްރޫޢެއް ފިޝަރީޒް މިނިސްޓްރީން ފަށަނީ


އެމުގެ ގޮތުގައި ބޭނުންކުރާ ބޭންގު އާލާކުރުމުގެ ޙާއްސަ މަޝްރޫއެއް ގއ. މާނަގަލާގައި ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް އިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޒިޔާދު ވިދާޅުވީ، ދިވެހި މަސްވެރިކަމުގައި އެން ލިބުމުގައި ހުރި އުނދަގުލުގެ ސަބަބުން މަހަށް ފުރުމުގައި ހުރި ދަތިތަކަކީ ވަރަށް ޒަމާންވީކަމެއްކަމަށެވެ. މި މައްސަލަ ހައްލުކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ދެކުނުގެ ރަށެއްކަމަށްވާ މާނަގަލާގައި އެންވެރިކަމުގައި ބޭނުންކުރާ ބޭންގް އާލާކުރުމުގެ މަސައްކަތްތަކެއް ފަށަން މިނިސްޓްރީގެ ފަރާތުން ތައްޔަރުވެފައިވާކަމަށެވެ. މާނަގަލާގައި ގާއިމްކުރާ ހެޗަރީއެއްގައި ބޭންގު އާލާކޮށް މަސްވެރިންނަށް ވިއްކުމުގެ މަސައްކަތް ފެށުން އެއީ މިނިސްޓްރީގެ ވިސްނުމެއްކަމަށާއި، މިހާރު ކުރިއަށްދަނީ އެކަމަށް ބޭނުންވާ އިންޕްރާސްޓްރަކްޗަރ ތައްޔާރުކުރުމުގެ މަސައްކަތްކަމަށް ޒިޔާދު ވިދާޅުވިއެވެ.

"މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އަޅުގަނޑުމެން އެއްކަމަކަށް ކުރާ މަސައްކަތަކީ އެމުގެ ގޮތުގައި ބޭނުންކުރެވިދާނެ ބާވަތެއް އިނގޭތޯ ބޭންގު ނުވަތަ މިލްކް ފިޝް ކަލްޗަރކުރުމުގެ މަސައްކަތް ވޯލްޑް ބޭންކް ޕްރޮޖެކްޓެއްގެ ތެރެއިން ދެކުނުގެ ރަށެއް އަޅުގަނޑުމެން ތައްޔާރުކުރަމުން އެބަދަން އެ މަސައްކަތައް. އެހެންވީމަ އެތަނުގައި މާނަގަލާގައި ގާއިމްކުރެވޭ ހެޗަރީއެއްގައި މިލްކް ފިޝް ކަލްޗަރ ކުރެވި މަސްވެރިންނަށް އެ އެން ވިއްކުމުގެ މަސައްކަތް ފެށުން އެއީ އަޅުގަނޑުމެންގެ ވިސްނުމެއް. އެކަމަށް މިހާރުވެސް މަސައްކަތްތައް ކުރެވެމުން ދަނީ." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އެން ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ގެންގުޅޭ އަނެއް ވިސްނުމަކީ ބޭރުގެ ބައެއް ޤައުމުތަކުގައި ހުންނަ ގޮތަށް އެންވެރިކަމަށް ހާއްސަ މަސްވެރިކަމެއް ދިވެހިރާއްޖޭގައި އަށަގެންނެވިދާނެތޯ ބެލުންކަމަށެވެ. އަދި މިކަމަށް ބޭނުންވާ ދިރާސާ ފެށުމަށް ޖައިކާއާ އެއްކޮށް މަޝްވަރާތައް ކުރިއަށްދާކަމަށް ޒިޔާދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އެއީ ޓެކްނިކަލީ ފީޒިބަލް ކަމެއްތޯ އަދި މަސްވެރިންނަށް އެކަށީގެންވާ އަގުތަކެއްގައި ފައިދާއެއްވާގޮތައް އެކަން ރާއްޖޭގައި ޤާއިމް ކުރެވިދާނެތޯ ބެލުން. ވަކި މަސްވެރިކަމެއްގެ ގޮތުގައި ހަމައެކަނި އެންވެރިކަމަށް ހާއްސަ މަސްވެރިކަމެއް، އެންގަނެ ކޮށިތަކުގައި ރައްކާކޮށް މަހަށް ފުރަންބޭނުންވާ ފަރާތްތަކަށް އެމުގެ ވިޔަފާރިއެއް ފެއްޓުން އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ. އެކަމަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރެވެމުންދަނީ." ޒިޔާދު ވިދާޅުވިއެވެ.

އެމާއި ގުޅޭ މައުލޫމާތުތައް ރާއްޖޭގައި އެންމެ އެކަށީގެންވާ މިންވަރަކަށް ނެތްކަން ޒިޔާދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެން އަރަނީ ކޮން ދުވަސްތަކެއްގައިތޯއާއި، އެން އަރަނީ ކޮން ދިމާއަކުންތޯއާއި ސްޓޮކް ހުރީ ކިހާވަރެއްގައިތޯ ފަދަ މައުލޫމާތު އެންމެ އެކަށީގެންވާވަރަށް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންއާ އެއްކޮށް ކުރެވެމުންދާ ދިރާސާތަކުގެ ތެރޭގައި މިކަމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ވަނީ ފަހަގަކުރައްވާފައެވެ. މިކަމުގައި މިނިސްޓްރީގެ ވިސްނުމަކީ އެންވެރިކަމާއި ބެހޭގޮތުން މަސްވެރިން ބޭނުންވާ މައުލޫމާތު ގަވައިދުން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.