ވިޔަފާރި

އެއަރޕޯޓްގައި ބީއެމްއެލްގެ ޚިދުމަތްތައް ފުޅާކޮށްފި


އިބްރާހިމް
ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ބީއެމްއެލްގެ ބްރާންޗް އިތުރަށް ތަރައްޤީކޮށް،
ޔޫއެސް ޑޮލަރ އޭޓީއެމް އަކާއި އެކު ސެލްފް ސަރވިސް ބޭންކިން ޔުނިޓެއް އެ
ބްރާންޗުގައި ޤާއިމްކޮށްފިއެވެ. މި ޔޫއެސް ޑޮަލަރ އޭޓީއެމް އަކީ އެ ބޭންކް ގެ މެއިން
ބްރާންޗް ފިޔަވައި އެހެން ތަނެއްގައި ބެހެއްޓިގެން ދިޔަ މިފަދަ ފުރަތަމަ އޭޓީއެމެވެ.



މިކަމަށްޓަކައި
ރޭ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އާ ބްރާންޗު އަދި އޭޓީއެމް ޔުނިޓް
ހުޅުއްވައިދެއްްވީ އެ ބޭންކުގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީއެވެ.



އެއަރޕޯޓްގައި
ބީއެމްއެލްއިން ދޭ ޚިދުމަތްތަކަށް ގެނެވުނު ބަދަލްތަކުގެ ތެރޭގައި 24 ގަޑިއިރު ޚިދުމަތްދޭ 3 އޭޓީއެމް ވަނީ އެ ބްރާންޗުގައި ބަހައްޓާފައެވެ.  އަދި ޔޫއެސް ޑޮަލަރ
ނެގުމާއި ޖަމާކުރެވޭ އޭޓީއެމްވެސް އެ ޔުނިޓްގައި ވަނީ ބަހައްޓާފައެވެ.



މީގެ
އިތުރުން އެއަރޕޯޓްގެ ޑިޕާޗަރ އަދި އެރައިވަލް ޓަރމިނަލްގައިވާ ބީއެމްއެލްގެ
އެކްސްޗޭންޖް ކައުންޓަރުތައްވެސް އިތުރަށް ތަރައްގީކޮށް، ފަސިންޖަރުންނަށް ފަސޭހަކަމާއިއެކު
24 ގަޑިއިރު ފައިސާ މާރުކުރުމުގެ ޚިދުމަތް މިހާރު ލިބިގެންދާނެ ކަމަަށް
ބީއެމްއެލްއިން ހާމަކުރެއެވެ.



ރޭ
ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން
ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް
އެއަރޕޯޓްފަދަ ހަލުވި ސްޕީޑެއްގައި ތަރައްޤީވެ ކުރިއަރަމުންދާ ތަނެއްގައި
ބީއެމްއެލްގެ ޚިދުމަތްތަކެއް ދެވިގެންދާކަމީ އެ ބޭންކަށް ލިބޭ ފަޚްރެއް ކަމަށެވެ.



އަދި
އެ ބޭންކުން ދޭ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ދިހަ މިލިއަން ރުފިޔާ އަށް ވުރެ
ބޮޑު ޚަރަދެއް މިހާތަނަށް ކުރެވިފައިވާ ކަންވެސް އެންޑްރޫ ފާހަގަކުރެއްވިއެވެ.



އެއަރޕޯޓްގައި
ހުޅުވިގެން މިދިޔައީ ބީއެމްއެލްގެ 8 ވަނަ ސެލްފް ސަރވިސް އޭޓީއެމް ޔުނިޓެވެ.



މިރަސްމިއްޔާތުގައި ބީއެމްއެލްގެ އިސްވެރިންނާއި،
އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާގެ އިތުރުން އެ ކުންފުނީގެ
އިސްވެރިންވެސް ވަނީ ބައިވެރިވެފައެވެ.