ޚަބަރު

ކުއްތާ ބޭނުންކޮށްގެން އެމް.ޕީ.އެލް ސަރަޙައްދުގައި ފުލުހުން ސަރޗް އޮޕަރޭޝަނެއް ހިންގަނީ


ކުއްތާ ބޭނުންކޮށްގެން އެމް.ޕީ.އެލް ސަރަޙައްދުގައި ފުލުހުން ސަރޗް އޮޕަރޭޝަނެއް ހިންގަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮޕަރޭޝަން ޓީމަކުން ފާރަގެމައިގައި ހިމެނޭ ކުއްތާ ބޭނުންކޮށްގެން ކުރިއަށްގެންދާ ސަރޗް އޮޕަރޭޝަނެއް އެމް.ޕީ.އެލް ހިމެނޭ ސަރަހައްދުގައި ކުރިއަށްގެންދާކަމަށެވެ. ނަމަވެސް މިއީ ސީދާ ކޮން ކަމަކާގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއްކަމެއް އަދި އޮޕަރޭޝަނާބެހޭ އެއްވެސް އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ފުލުހުން ދޭތެރެ ދޭތެރެއިން އަންނަނީ މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. ކުއްތާ ބޭނުންކޮށްގެން މީގެކުރިން ކުރިއަށްގެންދިޔަ ބައެއް އޮޕަރޭޝަންތަކުގައިވެސް ފުލުހުން ވަނީ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ 2015 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.