ޚަބަރު

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަނީ


އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސަރފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ނޭވީ، ޝިޕް "އައި.އެން.އެސް ސުނޭނާ" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

"އައި.އެން.އެސް ސުނޭނާ" ރާއްޖެއަށް ކުރާ މި ދަތުރުގައި، މިމަހު 27 ން އަންނަ މަހު 04 އަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަރފޭސް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. މިއީ އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި، އިންޑިއާ ނޭވީ ގުޅިގެން ހިންގާ 70 ވަނަ ސަރފޭސް ސަވައިލަންސް ޕެޓްރޯލެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، މިއީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ހަރަކާތެއް ކަމަށެވެ. މި ޕެޓްރޯލްތައް ފެށިފައި ވަނީ 2009 ވަނަ އަހަރު އެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު "އައި.އެން.އެސް ސުނޭނާ" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 4 ވަނަ ދުވަހު އެވެ.