ދުނިޔޭގެ ވިޔަފާރި

ބީއެމްޑަބްލިޔުއަށް 18 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް!


އަގުބޮޑު ކާރުތައް އުފައްދާ މަޝްހޫރު ކުންފުނި، ބީ.އެމް.ޑަބްލިޔުއިން ވިޔަފާރީގެ މަޢުލޫމާތުތައް އޮޅުވާލި މައްސަލައަކާ ގުޅިގެން 18 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހިއްޖެއެވެ.

ބޮޑެތި ކުންފުނިތަކުން އާއްމުކުރާ ވިޔަފާރިއާއި އާމްދަނީގެ މަޢުލޫމާތުތަކަށް ފާރަވެރިވޭ، ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަނުން ބުނާގޮތުން ބީއެމްޑަބްލިޔުއިން ވަނީ މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި އެކުންފުނިން ވިއްކި ކާރުގެ އަދަދުތައް އޮޅުވާލާފައެވެ. އެގޮތުން 2015 ވަނަ އަހަރުން 2019 ވަނަ އަހަރާ ދެމެދު ބީއެމްޑަބްލިޔުއިން އާއްމުކުރި މަޢުލޫމާތުތަކުގައި އޮޅުވާލުންތަކެއް ހުރިކަން ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން، އެސްއީސީން ބުނެއެވެ.

އެސްއީސީން ބުނާގޮތުން ގިނައިން ކާރު ވިކޭ މަސްތަކުގައި ބައެއް ކާރުތަކުގެ މައުލޫމާތު ބީއެމްޑަބްލިޔުގެ ހިސާބުތަކުގައި ހިމަނާފައެއް ނުވެއެވެ. އަދި އެ ކާރުތަކުގެ މަޢުލޫމާތު އެކުންފުނީގެ ހިސާބުތަކުގައި ހިމަނަނީ މަދުން ކާރު ވިކޭ މަސްތަކުގައިކަމަށް އެސްއީސީން ބުނެއެވެ. އަދި ބީއެމްޑަބްލިޔުއިން މިގޮތަށް ހަދަނީ އެންމެ ގިނައިން ކާރު ވިއްކާ ކުންފުނިތަކުގެ ލިސްޓުތަކުގައި ކުރީގައި އޮތުމަށްކަމަށް އެސްއީސީން ބުނެއެވެ.

މިމައްސަލައިގައި އެއްވެސް ކުށެއް ކުރިކަމަށް ބީއެމްޑަބްލިޔުއިން އިއުތިރާފް ނުވިނަމަވެސް، ޖޫރިމަނާ ފައިސާ ދައްކަން އެކުންފުނިން ވަނީ އެއްބަސްވެފައެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ކާރު އުފައްދާ ފިއެޓް ކުންފުންޏަށްވެސް ވަނީ މިފަދަ މައްސަލައެއް ކުރިމަތިވެ، 40 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަންޖެހިފައެވެ.