ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ޓިކްޓޮކް މަނާކުރުން މަޑުޖައްސާލަނީ!


އެމެރިކާގައި ޓިކްޓޮކް މަނާކުރަން އެޤައުމުގެ ސަރުކާރުން ނިންމާފައި އޮތް ނިންމުން، މަޑުޖައްސާލަން ކޯޓުން އަމުރުކުރަން އުޅޭކަމަށް ޚަބަރުތައް ބުނެފިއެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުން މަޑުޖައްސާލުމަށް ކޯޓުން ނިންމުމާ ގާތަށް ގޮސްފައިވާއިރު، މީގެ ކުރިން ވީޗެޓް މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމުންވެސް ވަނީ އެމެރިކާގެ ކޯޓުން ހުއްޓުވާފައެވެ.

ޓިކްޓޮކްއާ ގުޅޭގޮތުން އެމެރިކާގެ ކޮލަމްބިއާ ޑިސްޓްރިކްޓް ކޯޓުން ނެރުނު އަމުރުގައި ވަނީ އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓުން ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް ނިންމިއިރު، ޓިކްޓޮކްއާ ދެކޮޅަށް ކުރާ ތުހުމަތުތައް ސާބިތުކޮށްދެވޭވަރުގެ ހެކިތަކެއް ދެއްކިފައިނުވާކަމަށެވެ.

ޑިސްޓްރިކްޓް ޖަޖް ކާލް ނިކޮލްސް ނެރުއްވި އަމަރުގައި ވަނީ އެމެރިކާ ސަރުކާރުން އެ ޤައުމުގައި ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުން ފަސްކުރުމަށް ނުވަތަ ޓިކްޓޮކް މަނާކުރުމަށް ނިންމި ނިންމުން ބަދަލުކުރުމަށް އަމުރުކޮށްފައެވެ. އަދި އެހެން ނޫންނަމަ، ޓިކްޓޮކްއާ ދެކޮޅަށް ކުރާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް ކޯޓުން ވަނީ ފުރުސަތު ދީފައެވެ. އަދި މިކަމުގައި އަމަލުކުރާނެ ގޮތެއް މާދަމާ ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި ނިންމާނެކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ކޯޓު އަމުރާއި ގުޅިގެން އެމެރިކާގެ ސަރުކާރުން މިހާތަނަށް ވާހަކަދައްކާފައި ނުވާއިރު، މާދަމާގެ ޝަރީޢަތުގެ މަޖިލީހުގައި ޓިކްޓޮކްވެސް މަނާކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރުކުރަނެކަމަށް ބެލެވޭކަމަށް ޚަބަރުތައް ބުނެއެވެ.

ކޮލަމްބިއާ ޑިސްޓްރިކްޓް ކޯޓުން މިފަދަ އަމުރެއް ނެރުމަށް ތައްޔާރުވަމުންދާއިރު، ފެންސެލްވޭނިއާ ޑިސްޓްރިކްޓްގެ ކޯޓުންވެސް ޓިކްޓޮކް މަނާކުރުމާއި ދެކޮޅަށް އަމުރެއް ނެރޭނެކަމަށް ޚަބަރުތައް ބުނެއެވެ. ޕެންސިލްވޭނިއާ ކޯޓުން މިއަމުރު ނެރެނީ އެމެރިކާގައި ޓިކްޓޮކް މަނާކުރުމުން އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް ސީދާގޮތުން ބޮޑު އަސަރެއްކުރާނެކަމަށް ބުނެ ޓިކްޓޮކް ބޭނުންކުރާ ބަޔަކު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

އެމެރިކާގައި ކޯޓު އަމުރެއްގެ ދަށުން ޓިކްޓޮކް މަނާކުރުން މަޑުޖައްސާލާނެކަމަށް ބެލެވޭއިރު، އެމެރިކާގައި ވީޗެޓް ބޭނުންކުރުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އެ ޤައުމުގެ މެޖިސްޓްރޭޓް ކޯޓަކުން މި މަހު 21 ވަނަ ދުވަހު ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމުމާއި ގުޅިގެން މިކަމުގައި ސުލްހަވެރި ހައްލަކަށް އާދެވޭތޯ ދެ ފަރާތުންވެސް މަސައްކަތްކުރިއެވެ. އެގޮތުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަން އެމެރިކާގެ ކުންފުންޏަކަށް ބަދަލުކުރުމަށް އެމެރިކާގެ އޮރެކަލް ކުންފުންޏާއެކު އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމަސައްކަތް ކޮޅެއްގައި ޖެއްސުމަށް އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ޓިކްޓޮކްއަށް ހަފްތާއެއްގެ މުއްދަތު ދީފައެވެ.

އެހެންނަމަވެސް، މި މައްސަލަ އަނެއްކާވެސް ހޫނުވެގެން ދިޔައީ ޓިކްޓޮކް މެޖޯރިޓީ ހިއްސާ ނުވަތަ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ ކުންފުނިތަކަކަށް ނުދީ އެ ޤައުމުގައި ޓިކްޓޮކް ބޭނުން ނުކުރެވޭނެކަމަށް އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕް ވިދާޅުވުމާއި ގުޅިގެންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިމަހުގެ މެދާހަމައަށް ދާއިރު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ޓިކްޓޮކް އެމެރިކާގައި މަނާ ކުރާނެކަމަށް ކުރިން ވިދާޅުވެފައެވެ. އަދި އެމެރިކާގެ ހުށަހެޅުންތައް ޤަބޫލުކޮށްގެން ނޫނީ މި އެއްބަސްވުން ޤާއިމު ނުކުރެވޭނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. މި މައްސަލާގައި އެމެރިކާގެ ސަރުކާރުން ބަސް ބުނަމުންދާއިރު، ޗައިނާ ސަރުކާރުގެ ރުހުންވެސް އެއްބަސްވުމަށް ލިބިގެން ނޫނީ މި އެއްބަސްވުން ކާމިޔާބެއް ނުވާނެއެވެ. ނަމަވެސް މި އެއްބަސްވުމަށް ޗައިނާއިން ރުހުން ދިނުމަކީ ދުރުކަމެއްކަމަށް ޚަބަރުތައް ބުނެއެވެ.