ދުނިޔޭގެ ވިޔަފާރި

އެޕަލްއާ އެއްކޮޅަށް އީޔޫގެ ޖެނަރަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފަށް!


އެޕަލް ކުންފުންޏާ އެއްކޮޅަށް އީޔޫގެ ޖެނަރަލް ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފްކުރަން ޔޫރަޕިއަން ކޮމިޝަނުން ނިންމައިފިއެވެ.

އީޔޫ ކޮމިޝަނުން އިސްތިއުނާފްކުރަން ނިންމާފައިވަނީ، އެޕަލްއިން އަޔަރލެންޑްއަށް 13 ބިލިއަން ޔޫރޯ ޓެކްސްގެ ގޮތުގައި ދައްކަން ނުޖެހޭކަމަށް އީޔޫގެ ޖެނެރަލް ކޯޓުން މިދިޔަ ޖުލައިމަހު ކުރި ޙުކުމެކެވެ.

އީޔޫގެ ޖެނަރަލް ކޯޓުން ހުކުމްކޮށްފައި އޮތީ އެޕަލްއިން އަޔަރލެންޑްގެ އެއްވެސް ޓެކްސް ޤާނޫނާ ޚިލާފުވެފައިނުވާކަމަށެވެ. އެހެންކަމުން އީޔޫއިން ދައުވާ ކުރާ ފައިސާ ދޭން ނުޖެހޭކަމަށް އީޔޫގެ ޖެނަރަލް ކޯޓުގެ ނިންމުމުގައިވެއެވެ.

މިމައްސަލައިގައި އަރަރލެންޑުން މާބޮޑަށް އަޅާނުލިނަމަވެސް، އީޔޫއިން ބުނާގޮތުން އަޔަރލެންޑުން ވަނީ އެޕަލް ކުންފުންޏަށް ޓެކްސް ދެއްކުމުގައި އެހެން ކުންފުނިތަކަށް ނުދޭ ލުޔެއް ދީފައެވެ. އަދި މިކަމުގެ ސަބަބުން އީޔޫއަށް ލިބެންޖެހޭ އާމްދަނީއަށް ހުރަސް އެޅިފައިވާކަމަށް އީޔޫއިން ބުނެއެވެ.

މިމައްސަލައިގައި 2016 ވަނަ އަހަރު ކޯޓަކުން ވަނީ އެޕަލްއާ ދެކޮޅަށް ހުކުމްކޮށްފައެވެ. ނަމަވެސް ޖުލައިމަހު އީޔޫގެ ޖެނެރަލް ކޯޓުން ކުރި ހުކުމާއެކު، ކުރީގެ ހުކުމް ވަނީ ބާތިލުވެފައެވެ.

އީޔޫގެ އެގްޒެކްޓިވް ވައިސް ޕްރެސިޑެންޓް އަދި ވިޔަފާރީގެ ވާދަވެރިކަމާބެހޭ ކޮމިޝަނަރު ވިދާޅުވީ، އަޔަރލެންޑުން އެޕަލްއަށް ދީފައިވާ ލުއިތަކުގެ ސަބަބުން
ވިޔަފާރީގެ ވާދަވެރިކަން ގެއްލި، އެހެން ކުންފުނިތަކަށް އޭގެ ސަބަބުން ގެއްލުންވާނޭކަމަށެވެ. އެހެންކަމުން އެޕަލްއާ އެއްކޮޅަށް އީޔޫގެ ޖެނެރަލް ކޯޓުން ނިންމި ނިންމުން ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސްގައި އެޕީލްކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.