ޚަބަރު

ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ ގޮތުގައި 5 ބޭފުޅުން


ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ހުށައަޅާފައިވާ ހުށައެޅުންތައް އިންސާފުކުރުމަޓަކައި ފަނޑިޔާރުންގެ ޕެނަލަށް ބޭފުޅުން އައްޔަނުކުރައްވައި މަސައްކަތް ހަވާލުކޮށްފިއެވެ.

މި ފަހަރުގެ ފަނޑިޔާރުންގެ ޕެނަލްގައި ތިއްބަވާނީ، ފަސް ބޭފުޅެކެވެ.

ޕެނަލްގައި ހިމެނޭ ފަނޑިޔާރުން:
1-ޢަބްދުﷲ ނަޢީމް އިބްރާހިމް
2-ޢަބްދުﷲ ނާޝިދު
3-ޢަލީ ނިޝާން
4-މުޙައްމަދު އަފްރާހު
5-އަޝްވާ ފަހީމް

މި ފަސް ފަނޑިޔާރުންނަކީވެސް މީޑިއާގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭބޭފުޅުންނެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރު އުންމީދީ ނޫސްވެރިޔާގެ ބަޔަށް ލިބިފައިވާ ހުށަހެޅުންތަކަށް ވެސް އިންސާފު ކުރާނީ މި ފަނޑިޔާރުންގެ ޕެނަލުންކަމަށެވެ.

މިފަހަރުގެ އިނާމަށް އެމް.އެމް.ސީން ހުޅުވާލާފައި ވަނީ އަލަށް 2 ދާއިރާއަކުން އިނާމު އިތުރުކުރުމަށްފަހު ގައެވެ. މި ފަހަރުގެ އެވޯޑަށް އަލަށް އިތުރުކޮށްފައި ވަނީ ތަޙުޤީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމާއި، ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ މި 2 ދާއިރާއެވެ.

މީގެއިތުރުންވެސް 9 ދައިރާއަކުން ނޫސްވެރިންނަށް އިނާމު ދިނުމަށް މީޑިއާ ކައުންސިލުން ވަނީ ނިންމަވާފައެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ، އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި 11 ދާއިރާއަށް 80 ހުށަހެޅުން ލިބިފައިވާކަމަށެވެ. މީގެ ތެރެއިން އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ ޕްރިންޓް އަދި އޮންލައިން ކެޓަގަރީންނެވެ. އެގޮތުން އެ ކެޓެގަރީން 61 ހުށަހެޅުން ލިބިފައިވާއިރު، ބްރޯޑްކާސްޓިންގ ކެޓަގަރީން 14 ހުށަހެޅުމެއް ލިބިފައިވާކަމަށް އެމް.އެމް.ސީން ވިދާޅުވެއެވެ. އަދި އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް 5 ފަރާތަކުން ކުރިމަތިލާފައިވާކަމަށްވެސް އެމް.އެމް.ސީން ވިދާޅުވެއެވެ.

މި ފަހަރު އިނާމް ދިނުމަށް ނިންމާފައިވާ 11 ދާއިރާގެ ތެރެއިން އެންމެ ވާދަވެރި ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ފީޗަރ ރިޕޯޓް ލިޔުމުގެ ދާއިރާއެވެ. އެގޮތުން އެ ދާއިރާއިން ޕްރިންޓް އަދި އޮންލައިން ކެޓަގަރީން 24 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. އަދި އެ ދާއިރާއިން ބްރޯޑްކާސްޓިންގ ކެޓަގަރީން 5 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

ނޫސްވެރިންގެ އަގު ވަޒަންކުރުމުގެގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ އިނާމް ދެމުންނެވެ.