ޚަބަރު

ކުއްލި ޖަލްސާތަކުގައި އިންތިޚާބާއި ބެހޭ މައްސަލަތައް ނުބެލޭގޮތަށް އީސީގެ ޤަވާއިދު އިޞްލާޙުކޮށްފި


އިލެކްޝަންސް ކޮމިޝަންގެ ކުއްލި ޖަލްސާތަކުގައި އިންތިޚާބުތަކާ ގުޅޭ މައްސަލަތައް ނުބެލޭގޮތަށް އެކޮމިޝަންގެ ޤަވާއިދު އިޞްލާޙުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިޞްލާޙުކޮށް ގެޒެޓްކޮށްފައިވާ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ އެކޮމިޝަންގެ ކުއްލި ޖަލްސާތަކަށް 8 ކަމެއް ހުށަނޭޅޭނެކަމަށެވެ. އޭގެތެރޭގައި ބަޖެޓާއި، ފައިސާއާ ގުޅޭ ކަންކަމާއި، މުވައްޒަފުންގެ ވަޒީފާއާއި، މުސާރައާއި، ޢިނާޔަތްތަކަށް ބަދަލުގެނައުމާއި، ކޮމިޝަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައުމާއި، މެންބަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ހަމަޖެއްސުން ހިމެނެއެވެ. އަދި ކުއްލި ޖަލްސާތަކުގައި އެކޮމިޝަނުގެ ގަވާއިދަށް ބަދަލުގެނައުމާއި، އެކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް އިންތިޚާބުކުރުން ކުރިއަށް ގެންދިއުމާއި، އައު މުވައްޒަފަކު ވަޒީފާއަށް ލެއްވުމާއި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ކުރިއަށް ގެންދިއުމާއި، އިންތިޚާބުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ވެސް ކުއްލި ޖަލްސާތަކުގައި ނުބެލޭނެކަމަށް މިޤަވާއިދުގައި ވަނީ ބުނެފައެވެ.

މިޤަވާއިދުގައި އެކޮމިޝަންގެ ކުއްލި ޖަލްސާތައް ކަމަށް ބުނެފައިވަނީ، ކޮމިޝަނުގެ ހިންގުމާ ގުޅޭ ނުވަތަ މަސައްކަތާ ގުޅޭ މުހިންމު ކަމަކާމެދު މަޝްވަރާ ކުރުމަށްޓަކައި މެންބަރަކު އެދިގެން ކުއްލިއަކަށް ބާއްވާ ޖަލްސާތަކަށެވެ. ކޮމިޝަނުގެ ކޮންމެ މެންބަރަކަށްވެސް ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެދެވިދާނެކަމަށްވެސް މި އައު ޤަވާއިިދުގައި ވަނީ ބުނެފައެވެ.

ޤަވާއިދަށް މި އިޞްލާޙު ގެނައީ އެކޮމިޝަންގެ ބައްދަލުވުންތަކުގައި މެންބަރުންނަށް ވަގުތުދީ އެންމެ ރަނގަޅު ނިންމުންތައް ނިންމުމުގެ ބޭނުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މީގެކުރިން ޤަވާއިދު އޮންނަގޮތުން ކުއްލި ޖަލްސާތައް ބާއްވާ މައްސަލަތައް ހުށަނޭޅޭނެކަމަށް ބަޔާންކޮށްފައެއްނުވެއެވެ. އެހެންކަމުން ކުއްލި ޖަލްސާތަކަށް ކޮންމެ މައްސަލައެއް ހުށައެޅުމަށްވެސް ކުރިން ހުރަހެއް ނޯވެއެވެ.