ޚަބަރު

އޮކްޓޫބަރު މަހުގެ 4 އިން ފެށިގެން މާލެ ސިޓީގެ ގްރޭޑް 9 އަކުން 12އަށް ކިޔަވައިދޭން ފަށަނީ


އަންނަ އޮކްޓޫބަރު މަހުގެ 4 އިން ފެށިގެން މާލޭސިޓީގެ ސްކޫލްތަކުގައި ގްރޭޑް 9-12 އިގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވީ ކީ ސްޓޭޖް 4 އަކާއި 5 އެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފެށުމަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ މިހާލަތަށް ރިޢާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީންކަމަށެވެ. އަދި މިހާރެކޭ އެއްފަދައިން އިތުރު ގްރޭޑްތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ފުރަބަންދަށް ދިން ލުއިތަކާއެކު ޖުލައިމަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވާ ކިޔަވައިދޭން ފެށިއެވެ. އޭރުވެސް މާލެ ސިޓީގެ ސްކޫލްތަކުގައި ކިޔަވައިދެމުން ދިޔައީ ގްރޭޑް 9 އިން 12 ގެ ދަރިވަރުންނަށެވެ. އަދި ކޯވިޑް-19 ކޭސްއެއް ނެތް ރަށްތަކުގައި ގްރޭޑް 1 އިން 12 އަށް ކިޔަވައިދެމުންދެއެވެ. އެހެންނަމަވެސް މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާން ފެށުމާއެކު މިޑް ޓާރމަށް ބަންދުކުރުމަށްފަހު ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައެއް ނުވެއެވެ. އަދި ދަރިވަރުންނަށް ކިޔަވައިދެމުން އައިސްފައިވަނީ އޮންލައިންކޮށެވެ. މީގެ އިތުރުން ދާދިފަހުން އެޑިއުކޭޝަން މިނިސްޓްރީން އޭލެވެލް އިމްތިޙާނަށް ތައްޔާރުވާ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށާފައެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޯވިޑް-19 ގެ ކޭސްތައް މިހާރު ވަނީކޮންމެވެސް ވަރަކަށް މަދުވާން ފަށާފައެވެ. އެހެންނަމަވެސް އަދި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭންނުވާ ކަމަށް ޑރ.ޝީނާ ވަނީ ވިދާޅުވެފައެވެ. ރާއްޖޭއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދިހަ ހާހުން މައްޗަށް އަރާފައެވެ.