ވިޔަފާރި

އޮގަސްޓުމަހު 164 ތަނަކުން ފަތުރުވެރިންނަށް ޙިދުމަތްދިން


ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނުގެ ތެރެއިން މިދިޔަމަސް ނިމުނު އިރު، ފަތުރުވެރިންނަށް ޙިދުމަތްދީފައި ވަނީ 164 ތަނަކުންކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓުމަސް ނިމުނުއިރު ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް ރާއްޖޭގައި 971 ތަނެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ 52،460 އެނދެވެ. މި އަަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 5.5 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނުގެ އަދަދަކީ 892 އެވެ.

ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ތަންތަނުގެ އަދަދު އިތުރުވި ނަމަވެސް މިތަންތަނުގެ ތެރެއިން ފަތުރުވެރިންނަށް ޙިދުމަތްދޭން ފަށާފައިވަނީ 164 ތަނަކުންނެވެ. މިއީ 19،223 އެނދެވެ.

ރާއްޖޭގެ އޮކިއުޕެންސީ ރޭޓަށް ބަލާލާއިރު، އޮގަސްޓްމަހުގެ އޮކިއުޕެންސީ ރޭޓަކީ 11.3 އިންސައްތައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕެންސީ ރޭޓު ހުރީ 62.4 އިންސައްތައިގައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައި ވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓި، ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. 110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

ފަތުރުވެރިންނަށް ޙިދުމަތް ދޭ ތަންތަން މިހާރުދަނީ ހުޅުވަމުންނެވެ. ވައިގެ ދަތުރުފަތުރުތައްވެސް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު އެއަރލައިންތަކުން މިހާރު ދަނީ ރާއްޖެއަށް ބާއްވަމުން ދިޔަ ދަތުރުތައް އަލުން ފަށަމުންނެވެ. މިއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ރިސޯޓުތަކާއި ސަފާރީތައް ފަތުރުވެރިންނަށް ހުޅުވާލާފައިވީ ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދައެއް ސަރުކާރުން އަދި ނުދެއެވެ. މިކަމަށްވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް19 ފެތުރެމުންދާ ގޮތަށް ބަލައި އަންނަ މަހުގެ 15 ވަނަ ދުވަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 402089 (ހަތަރުލައްކަ ދެހާސް އަށްޑިހަ ނުވަ) ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 65.1 އިންސައްތައިގެ ދަށްއަދަދެކެވެ.