ދުނިޔެ

ދެކުނު ކޮރެއާގެ ރައްޔިތަކު މަރާލެވުނީތީ އުތުރު ކޮރެއާއިން މަޢާފަށް އެދެފި


ދެ ކޮރެއާ ގުޅޭ ކަނޑުގެ ސަރަޙައްދުން ދަތުރުކުރި ދެކުނު ކޮރެއާގެ ސަރުކާރުގެ މުވައްޒަފެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާތީ އެ ހާދިޘާ އާއި މެދު ހިތާމަކުރާކަމަށް ބުނެ އުތުރު ކޮރެއާއިން މަޢާފަށް އެދެފިއެވެ.

މި ހަފުތާގެ ތެރޭގައި ދެކުނު ކޮރެއާގެ މަސްވެރިކަމާއި ބެހޭ ވުޒާރާގެ ރަސްމީ ފަރާތެއްވަނީ ކަނޑުމަތީގައި ގެއްލިފައެވެ. އޭނާ މަރާލާފައިވާކަމަށް ހާމަކުރީ ދެކުނު ކޮރެއާގެ އަސްކަރިއްޔާއިންނެވެ. ދެކުނު ކޮރެއާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އުތުރު ކޮރެއާގެ ކަނޑުގެ ސަރަޙައްދުން އެ މީހާ ދަތުރުކުރަމުންދާތަން ފެނުމުން އޭނާ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު އޭނާގެ ހަށިގަނޑު އުތުރު ކޮރެއާއިން އަންދާލާފައިވާކަމަށެވެ.

ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި ބެހޭ އުތުރު ކޮރެއާގެ އިދާރާ، ޔުނައިޓެޑް ފްރަންޓް ޑިޕާޓްމަންޓުން ދެކުނު ކޮރެއާއަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ހާދިޘާ ހިނގާފައިވަނީ 'ކޯވިޑް-19 ފެތުރުނަ ނުދިނުމަށް' ކުރި މަސައްކަތުގެ ސަބަބުންކަމަށާއި އެގޮތަށް ކަންތައް ކުރެވުނީތީ ހިތާމަކުރާކަމަށެވެ.

ދެކުނު ކޮރެއާގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ސަ ހޫން ވިދާޅުވީ އެޤައުމުގެ ރައީސް މޫޖް ޖައެ އިން އާއި އެ ޤައުމުގެ ރައްޔިތުން ހިތްހަމަނުޖެހޭ އަދި ނުރުހޭ ފަދަ ޢަމަލެއް ކުރެވުނީތީ އުތުރު ކޮރެއާގެ ޒަޢީމް، ކިމް ޖޮން އަން ހިތާމަކުރައްވާ މަޢާފަށް އެދިވަޑައިގަންނަވާކަމަށް ސިޓީގައި ވިދާޅުވެފައިވާކަމަށެވެ.

އުތުރު ކޮރެއާއިން އެ ސިޓީ ފޮނުވާފައިވަނީ ދެކުނު ކޮރެއާގެ އެދުމުގެ މަތިންކަމަށާއި އެ ސިޓީގައި ކަން ހިންގައި ދިޔަގޮތުގެ ތަފްޞީލް ބަޔާންކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުނުވާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހާދިޘާގެ ސަބަބުން ދެ ކޮރެއާގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްނޭޅޭނެކަމަށް އުއްމީދުކުރާކަމަށްވެސް އުތުރު ކޮރެއާއިން ފޮނުވި ސިޓީގައިވެއެވެ.