ދުނިޔެ

ތަހުލީލުތައް ނުނިމެނީސް ކުއްލި ޙާލަތުގައި ވެކްސިން ދިނިން - ޗައިނާ


ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން ތައްޔާރުކުރަމުންދާ ވެކްސިންގެ ތަހުލީލުތައް ނުނިމެނީސް ކުއްލި ޙާލަތުގައި ޢާންމުނަށް ވެކްސިން ދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ތާޢީދުކުރިކަމަށް އެޤައުމުން ބުނެފިއެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ފަރާތުން ވާހަކަ ދެއްކެވި ޒެންގް ޒޮންގްވޭ ވިދާޅުވީ ޖޫން މަހުގެ ފަހުކޮޅުގައި ޑަބްލިއުއެޗުއޯ އާއި އެކު ޗައިނާއިން ވެކްސިނާއި ގުޅޭގޮތުން މުޢާމަލާތްކޮށްފައިވާކަމަށާއި ޖުލައި މަހުގައި ކުއްލި ޙާލަތުގައި ވެކްސިން ދިނުމަށް ފަށައިފައިވާކަމަށެވެ.

އެ މަސައްކަތުގެ ދަށުން ކުރީ ސަފުގައި މަސައްކަތްކުރާ އެތައް ސަތޭކަ މަސައްކަތްތެރިންނާއި ބަލީގެ ނުރައްކާ ބޮޑު ބައެއް މީހުންނަށްވަނީ ވެކްސިން ދީފައެވެ. ވެކްސިން ދިންއިރު މަރުހަލާ ތިނެއްގެ ތަހުލީލުތައް ނިމިފައިނުވާތީ ވެކްސިންގެ ރައްކާތެރިކަމާއި އޭގެ ފައިދާ ފުރިހަމައަށް ހޯދިފައެއް ނުވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޒެންގް ވިދާޅުވީ ޖޫން މަހުގެ ފަހުކޮޅުގައި ޗައިނާގެ ސްޓޭޓު ކައުންސިލުން ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިން ކުއްލި ޙާލަތުގައި ދޭނެގޮތާއި މެދު ރޭވުންތަކެއްވަނީ އެކުލަވާލައިފައެވެ. އެއަށްފަހު ޖޫން މަހުގެ 29ވަނަ ދުވަހު ޗައިނާއިން އެ ޤައުމުގައި ހުރި ޑަބްލިއުއެޗުއޯގެ އިދާރާގެ ކަމާބެހޭ ފަރާތްތަކާއި އެކަން ޙިއްޞާކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ. އެ ރޭވުންތަކަށް ޑަބްލިއުއެޗުއޯގެ އެއްބާރުލުން ލިބިފައިވާކަމަށް ޒެންގު އިތުރަށް ވިދާޅުވިއެވެ.

ސްވިޒަލޭންޑުގެ ޖެނީވާގައި ވާހަކަދައްކަވަމުން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އިސް ސައިންސްވެރިޔާ، ސައުމްޔާ ސްވަމިނަތަން ވިދާޅުވީ ކޮންމެ ޤައުމެއްގެ ޤައުމީ އިދާރާތަކަށް ބޭސްފަދަ ތަކެތި އެ ޤައުމެއްގައި ބޭނުންކުރުމުގެ ޙުއްދަ ދެވިދާނެކަމަށެވެ. ނަމަވެސް އޭނާވަނީ އެއީ ވަގުތީ ޙައްލެއްކަމަށް ވިދާޅުވެފައެވެ. ދާއިމީ ޙައްލެއް ލިބޭނީ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ފުރިހަމަކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާގައި ތައްޔާރުކުރަމުންދާ ތިން ވެކްސިނެއްގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައްވަނީ ފަށާފައެވެ. އޭގެ ތެރޭގައި ޗައިނާގެ ސަރުކާރުން ވާގިވެރިވާ ޗައިނާ ނޭޝަނަލް ބަޔޯޓެކް ގުރޫޕާއި ސިނޯވެކް ބަޔޯޓެކުން އުފައްދާ ދެ ވެކްސިންވެސް ހިމެނެއެވެ. އެ ތިން ވެކްސިންވެސް ކުއްލި ޙާލަތުގައި ބޭނުންކުރުމުގެ ޙުއްދަވަނީ ދީފައެވެ. އޭގެ އިތުރުން މިދިޔަ ޖޫން މަހުގެ ތެރޭގައި ކަންސިނޯ ބިޔޮލޮޖިކްސުން ތައްޔާރުކުރަމުންދާ ވެކްސިން ޗައިނާގެ އަސްކަރިއްޔާގައި ބޭނުންކުރުމުގެ ޙުއްދަވެސްވަނީ ދީފައެވެ.

ޒެންގް ވިދާޅުވީ 2020ވަނަ އަހަރު ނިމޭއިރު ކޯވިޑް-19 ވެކްސިނުގެ 610 މިލިއަން ޑޯޒު ޗައިނާއަށް ތައްޔާރުކުރެވޭނެކަމަށާއި 2021ވަނަ އަހަރު 1 ބިލިއަން ޑޯޒަށް އެ ޢަދަދު އިތުރުކުރެވޭނެކަމަށެވެ. ޗައިނާއިން ވެކްސިން ގަންނަން ލިބޭ އަގަކީ އެންމެންނަށްވެސް އަތްފޯރާފަށުގައި ހުންނާނެ އަގެއްކަމަށް ޒެންގު ވިދާޅުވިއެވެ.