ޚަބަރު

އޭސް އޭވިއޭޝަނުން މެލޭޝިއާއާއި ރާއްޖެއާ ދެމެދު ޗާޓަރު ފްލައިޓެއް ބާއްވަނީ


އޭސް އޭވިއޭޝަނުން މެލޭޝިއާއާއި ރާއްޖެއާ ދެމެދު ބާއްވާ 3 ވަނަ ޗާޓަރ ފްލައިޓް އަންނަ މަހުގެ ތެރޭގައި ބާއްވަން ހަމަޖައްސައިފިއެވެ.

މިދަތުރާއި ބެހޭގޮތުން އޭސް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާގް ވިދާޅުވީ، މެލޭޝިއާއާއި ރާއްޖެއާއި ދެމެދު ބާއްވާ މި ޗާޓަރ ފުލައިޓް އޮންނާނީ އަންނަ މަހުގެ 31 ވަނަ ދުވަހުކަމަށެވެ.

މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އެއަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މެލޭޝިއާގެ ކުއާލަ ލަމްޕޫރަށެވެ. އެހެންކަމުން މި ދަތުރުގައި މާލެއިން މެލޭޝިއާއަށް ދާންބޭނުންވާ ފަރާތްތަކަށް އަދި މެލޭޝިއާއިން މާލެއަށް އަންނަން ބޭނުންވާ ފަރާތްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ދަތުރުގައި ބޭނުންކުރާނީ 180 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ފިރާގް ވިދާޅުވީ މި ފްލައިޓްގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ ހޯމަ ދުވަހުން ފެށިގެން ބުކިން ހެއްދޭނެކަމަށެވެ. ދަތުރުގެ ޓިކެޓްގެ އަގަކީ 410 ޑޮލަރުން 580 ޑޮލަރާއި ދެމެދެވެ. ޓިކެޓްނަގާ ފަރާތްތަކަށް 30 ކިލޯގެ ބެގެޖް އެލަވަންސްއެއް ލިބޭނެއެވެ.

މިމަހުގެ 30 ވަނަ ދުވަހުވެސް އޭސް އޭވިއޭޝަންގެ ޗާޓަރ ފުލައިޓެއް ރާއްޖެއާއި މެލޭޝިއާއާއި ދެމެދު ކުރާނެއެވެ. މި ފްލައިޓްގައި ރާއްޖޭގައިތިބި 132 ކިޔަވާކުދިން މެލޭޝިއާއަށް ދާނެކަމަށް ފިރާގް ވިދާޅުވިއެވެ. މިދިޔަ މަހުގެ ތެރޭގައިވެސް އޭސް އޭވިއޭޝަނުން ވަނީ މެލޭޝިޔާއަށް ނުދެވިފައިތިބި ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ޗާޓަރ ފްލައިޓެއް ބާއްވާފައެވެ.

މެލޭޝިއާގެ އިތުރުން އެހެން ބައެއް ގައުމުތަކަށްވެސް އޭސް އޭވިއޭޝަނުން އަންނަނީ ޗާޓަރ ފްލައިޓްތައް ބާއްވަމުންނެވެ. އޭގެތެރޭގައި ލަންކާ، ޕިލިޕީންސް ހިމެނެއެވެ. އޭޝް އޭވިއޭޝަނުން ބުނީ ފާއިތުވި 2 މަސްތެރޭގައިވެސް އެ ކުންފުނިން އިސްނަގައިގެން 12 ޗާޓަރ ފްލައިޓެއް އެކި ގައުމުތަކަށް ބާއްވާފައިވާކަމަށެވެ.