ދުނިޔެ

ސޫރިޔާއާއި އެފްރިކާއަށް އެމެރިކާއިން އިންސާނީ ބޮޑު އެހީއެއް


ސޫރިޔާއަށާއި އެފުރިކާގެ ސާހެލް ސަރަޙައްދާއި ދެކުނު ސޫދާނަށް އިންސާނީ އެހީ ފޯރުކޮށްދޭނެކަމަށް އެމެރިކާއިން ބުނެފިއެވެ. އެ ޤައުމުން އެކަން އިޢުލާނުކުރީ އދ.ގެ ޢާންމު ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ސްޓެފަން ބީގަން ވިދާޅުވީ ސޫރިއާއަށް 720 މިލިއަން އެމެރިކާ ޑޮލަރާއި ސާހެލް ސަރަޙައްދަށް 152 މިލިއަން އެމެރިކާ ޑޮލަރު އެހީ ގޮތުގައި ފޯރުކޮށްދޭނެކަމަށެވެ. އޭގެ އިތުރުން ދެކުނު ސޫދާނަށް 108 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީގަން ވިދާޅުވީ ސޫރިޔާއަށް ދޭ އެހީތެރިކަން ފޯރުކޮށްދޭނީ ސޫރިޔާގެ ރައްޔިތުންނާއި މުޅި އެ ސަރަޙައްދުގައި އެހީތެރިކަމަށް ބޭނުން ޖެހިފައިވާ މީހުނަށްކަމަށެވެ. މި އެހީއާއި އެކު ސޫރިޔާގެ އިންސާނީ ކާރިޘާ ފެށުނު ފަހުން މިހާތަނަށް އެ ޤައުމަށް އެމެރިކާއިން ޚަރަދުކޮށްފައިވާ ޢަދަދު 12 ބިލިއަނަށްވުރެ އިތުރުވާނެކަމަށް ބީގަން ވިދާޅުވިއެވެ.

ސޫރިޔާގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމުގެ ބޭނުމުގައި މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމެރިކާއިންވަނީ ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. ސޫރިޔާގެ ސަރުކާރުން ޤަބޫލުކުރާގޮތުގައި އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުގައި ފައިސާގެ އަގު ވެއްޓި ތަކެތީގެ އަގުބޮޑުވުމުން ޢާންމުންގެ ޙާލަތުވަނީ އިތުރަށް ގޯސްވެފައެވެ. ނަމަވެސް އެމެރިކާއިން ބުނަނީ އެ ޤައުމުން އެޅި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ސޫރިޔާގެ ރައްޔިތުންނަށާއި އެ ޤައުމަށް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަމަށް ނޫންކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ މެދުގައި ޙަމަލާ ބަދަލުކުރުމުގެ ސަބަބުންނާއި ކާބޯތަކެތި ލިބުމުގައިހުރި ދަތިތަކާއި އިޤްތިޞާދީ ޙާލަތު ގޯސްވުމުގެ އިތުރުން ކޯވިޑް-19ގެ ސަބަބުން ދެކުނު ސޫދާނަށް މެދުވެރިވެފައިވާ ޙާލަތު އިތުރަށް ގޯސްވެފައިވާކަމަށެވެ. ދެކުނު ސޫދާނަށް ފޯރުކޮށްދޭ އެހީތެރިކަން ބޭނުންކުރާނީ ޤައުމުގައި ދިރިއުޅޭ ރައްޔިތުންނާއި އަވަށްޓެރި ސްޓޭޓުތަކުގައި ދިރިއުޅޭ ދެކުނު ސޫދާނުގެ ރައްޔިތުންނަށް އެހީތެރިވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫއެސް އެއިޑުގެ އެޑްމިނިސްޓުރޭޓަރު، ޖޯން ބާސާ ވިދާޅުވީ ދެކުނު ސޫދާނުގައި އިންސާނީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް 108 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އޭގެ އިތުރުން ސާހެލް ސަރަޙައްދުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ގެދޮރު ގެއްލި ކާބޯތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ނައިގާ، މާލީ، ބުރުކީނާ ފާސޯ އަދި މޮރިޓޭނިއާގެ ރައްޔިތުންނަށް 152 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ