ޚަބަރު

ނ ވެލިދޫ ސިއްޚީމަރުކަޒުގެ އައު އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ


ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ނ.ވެލިދޫ ސިއްޚީ މަރުކަޒަށް އިތުރުކުރާ ދެބުރީގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކުހޯދަން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ، މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ނ.ވެލިދޫ ސިއްޚީ މަރުކަޒަށް އިތުރުކުރާ ދެބުރީގެ އައު އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ބީލަމަށް ހުޅުވާލާފައި ވާކަމަށެވެ.

މިގޮތުން މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިބީލަމުގައި ބައިވެރިވުމަށް 1500.00ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި، މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 27 ސެޕްޓެންބަރު 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އަދި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/1,300,000ރ (އެއްމިލިއަން ތިންލައްކަ) ދިވެހި ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަސް ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.