ޚަބަރު

ކަނޑުމަތީގައި ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ޚާއްޞަ ތަމްރީނުތަކެއް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގައިފި


ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ވެސެލް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފިއެވެ.

މިމަހު 13 ން 24 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނައީއެވެ.

ދެ ހަފުތާގެ މުއްދަތަށް ހިންގި މި ޕްރޮގްރާމަކީ ކޯސްޓްގާޑުގެ ސިފައިންނަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިންގާ ކުށްތައް ހޯދައި ދެނެގަތުމާއި އެކަންކަން ހުއްޓުވުމަށް އެޅެންހުރި ފިޔަވަޅުތައް ދަސްކޮށްދިނުމަށް ހިންގި ކޯހެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފާއި ޔޫއެންއޯޑީސީ ގުޅިގެން ހިންގާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ހިންގުނު ފުރަތަމަ ތަމްރީނެވެ. މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ޔޫއެންއޯޑީސީގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވެހިކަލްފަދަ ތަކެތީގެ އިތުރުން ތަމްރީނުގެ ފުރުޞަތުތައް ދިނުމުގައި ޖަޕާން ސަރުކާރުގެ އެހީތެރިކަން އަންނަނީ ފުޅާ ދާއިރާއެއްގައި ލިބެމުންނެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ބޭނުންވާ ގިނަ އާލާތްތަކެއް ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވަނީ އެމްއެންޑީއެފަށް ހަދިޔާ ކުރައްވާފައެވެ.

ޔޫއެންއޯޑީސީން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ވެސެލް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޔޫއެންއޯޑީސީގެ އިސްވެރިންނާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޕްރޮގްރާމުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.