ވިޔަފާރި

ބީލަމަށް ނުލައި މަސައްކަތް ޙަވާލުކުރެވޭ އުސޫލަށް ވަނީ ބަދަލު ގެނެސްފައި- އަމީރު


ބީލަމަށް ނުލައި މަސައްކަތް ޙަވާލުކުރެވޭ ގޮތަށް މާލިއްޔަތު ޤަވާއިދުގައި އޮންނަ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ބީލަމަށް ހުޅުވާނުލާ މަޝްރޫޢުތައް ހިންގަން ހަވާލުކުރެވޭގޮތަށް މާލިއްޔަތު ޤަވާއިދުގައި އޮންނަ އޮތުން ބަދަލުކުރަން އޭސީސީން ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ކޮރަޕްޝަން އަށް ހުރި ހިރާސްތައް ކުޑަކުރަން މާލިއްޔަތު ޤަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާކަމަށެވެ. އެގޮތުން ކޯޕަރޭޓިވް ސޮސައިޓީ އަދި ޤައުމީ ޖަމިއްޔާތަކަށް ބީލަމަށް ނުލައި މަޝްރޫޢުތައް ދެވޭ ގޮތަށް އޮންނަ މާއްދާވެސް ބަދަލުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަމީރު ކުރައްވާފައިވާ ޓްވިޓް

މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީން އިސްނަގައިގެން އެޓާނީ ޖެނެރަލް އާއި އޮޑިޓަރ ޖެނެރަލް އަދި އޭސީސީވެސް ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލާ، އެކޮމިޓީގެ ރުހުމާއެކު މާލިއްޔަތު ޤަވާއިދުގައި ބިޑް ކުރުމަކާއި ނުލައި މަޝްރޫޢުތައް ދެވޭނެ އުސޫލުތައް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ބިޑް ކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރެވޭނީ ސަރުކާރުގެ 50 އިންސައްތަ ހިއްސާއަށްވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކަށާއި، އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކަށާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައިވާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށްކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހަވާލުކުރާ ކުންފުންޏަކީ ހަވާލުކުރާ މަސައްކަތާ ގުޅޭ ކުންފުންޏަކަށް ވާންޖެހޭކަމަށްވެސް އަލަށް އެކުލަވާލި އުސޫލުގައިވެއެވެ.

ބީލަމަށް ހުޅުވާނުލާ މަސައްކަތްތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ޤަވާއިދު ބަދަލުކުރީ 2017 ވަނަ އަހަރު ކުރީ ސަރުކާރުންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ މާލިއްޔަތު ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބީލަމުގެ މަސައްކަތްތައް ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށްދާ ގޮތަށް ކަންކަން ހަމަޖައްސާފައެވެ. އެގޮތުން ބީލަމާބެހޭ މަޢުލޫމާތާއި، ބީލަން ކާމިޔާބުކުރާ ފަރާތްތަކަށް ލިބޭ ޕޮއިންޓާއި އިތުރު ތަފްސީލްތައް ސަރުކާރުން ވަނީ ހާމަކުރަން ފަށްޓަވާފައެވެ.