ޚަބަރު

ދިވެހި ބަހުން ލިޔާލިޔުމުގެ ކުށްފިލުވުމަށް ނަޝާތު ގެނެސްދިނީ ޒަމާނީ ހައްލެއް


ދިވެހި ބަހަކީ، ދިވެހި ޤައުމިއްޔަތުގެ މުހިއްމު އެއް ބަހާއެވެ. ދިވެހިންގެ ފަޚުރެވެ. ނަމަވެސް ދިވެހި ބަހުން ވާހަކަ ދައްކައި ލިޔެކިޔައި އުޅޭ އާބާދީއަކީ ބައި މިލިޔަނަށް ވުރެ، މަދު އާބާދީއެކެވެ. އެހެންކަމުން ދިވެހިބަހަށް އަބަދުވެސް ގޮންޖެހުންތައް އޮތެވެ.

ދުނިޔޭގައި ޓައިޕްރައިޓަރ ތައާރަފްވެގެން ދިޔައިރު، ލިޔެކިޔުން ޒަމާނާއި އެއްގޮތަށް ބަދަލުވުމުގެ ބޭނުމުގައި ދުނިޔޭގެ އެތައް ޤައުމަކުން އެބައިމީހުންގެ އަމިއްލަ އަކުރު ދޫކޮށްލައި، ލެޓިންއަށް ބަދަލުވިއެވެ. އެ އޮއެވަރު ދިވެހިރާއްޖެއަށްވެސް ޖެހުނެވެ. ތާނަ އަކުރު ދޫކޮށްލައި ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިބަސް ލެޓިނުން ލިޔަން ފެށުނެވެ. އެކަން ބަދަލު ކުރައްވައި ތާނަ ޓައިޕްރައިޓަރ އުފަން ކުރެއްވީ ރައީސް މައުމޫނުގެ ޒަމާނުގައި އެމަނިކުފާނެވެ.

ޒަމާނީ ޓެކްނޮލޮޖީ ކުރި އަރައިގެން ދިޔުމުގައި ދިވެހިބަހަށްވެސް ޓެކްނޮލިޖީ އާއި ފައިހަމަ ކުރެވެމުން މިދަނީ، ދިވެހި ފަންނުވެރިންގެ ބުރަ މަސައްކަތުންނެވެ. އެގޮތުން ކޮމްޕިއުޓަރާއި އިންޓަރނެޓާއި މޯބައިލް ފޯނުގައި، މިއަދު ތާނައަކުރުން ލިޔެކިޔައި މުއާމަލާތު ކުރެވޭނެ އެތައް ސޮފްޓްވެއާ އަކާއި އެޕްލިކޭޝަނެއް ވަނީ އުފައްދާފައެވެ. މިފަދަ އެއް ހުނަރުވެރިއަކީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަލީ ނަޝާތެވެ.

ފުރަބަންދުގައި ގޭގައި ހުންނަވައިގެން މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތާއި އެކު، ނަޝާތު ފެއްޓެވީ، 10 އަހަރުވީ ހުވަފެނެއް ހަޤީޤަތަކަށް ހެއްދެވުމުގެ މަސައްކަތެެވެ. އެއީ ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ކުށްފިލުވުމަށް ބޭނުން ކުރެވޭނެ ވަސީލަތެއް ޤާއިމް ކުރެއްވުމެވެ.

ނަޝާތު ވިދާޅުވި ގޮތުގައި އެމަސައްކަތް އޭނާ ފެއްޓެވީ، މީގެ 10 އަހަރު ކުރިން، 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ކިޔަވާ ވިދާޅުވި އިރުގައެވެ.

"އިނިޝިއަލް ގްރައުންޑް ރިސާރޗު ވޯކް ހަދާފައި، އޭރު ފައިނަލް ޕްރޮޖެކްޓަށް އެމަސައްކަތް ކުރެވިފައި އިނީ. އޭރުއްސުރެ ދެން ހަދާފައި، ދޭތެރެއަކުން ކުޅެލާފައި ބައިންދާފައި އިނީ. ހަމަ ބިޒީވެގެން ޓައިމް ނުދެވިފައި ހުރެފައި މިލޮކްޑައުންއާއި އެކު މިޓައިމް ދެވުނީ." ނަޝާތު ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވީ، އެހާ ބޮޑަށް މަސައްކަތް ކުރެވިފައިވާ އެއްޗެއް ވީމާ، އާއްމުން ބޭނުން ކުރުމަށް ދޫކޮށްލުމަށް ވިސްނައި އެކަން އެގޮތަށް ކުރެއްވީ ކަމަށެވެ. މިގޮތުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ ހޯސްޓްކޮށްފައެވެ.

ތާނައިން ދިވެހިބަހުގެ ލިޔުންތަކުން ކުށްފިލުވުމަށް އޭނާ އުފެއްދެވި މިޓޫލްއަށް އޭނާ ދެއްވި ނަމަކީ "ބެހި" އެވެ. އޭނާ ވިދާޅުވީ، މިޓޫލްގެ ބޭނުމަކީ، ދިވެހިބަހުން ލިޔާ ލިޔުންތަކުގެ އިބާރާތްކުރުން ރަނގަޅު ކުރުމަށް އެހީތެރިވެ ދިނުމެވެ.

އަލީ ނަޝާތު އުފެއްދެވި "ބެހި" އާއި ގުޅޭ ގޮތުން ނަޝާތު ކުރެއްވި ޓުވީޓް --

ނަޝާތު ވިދާޅުވީ، އާއްމުކޮށް އެންމެންނަށް ބޭނުން ކުރެވޭ ގޮތަށް އިންޓަރނެޓަށް ދޫކޮށްލުމާއި އެކު، ވޯޑު ލިމިޓް އިތުރުކޮށްލުމަށް ޚިޔާލުތައް ލިބުނު ކަމަށެވެ. އަދި އެކަމަށް ބަލައި އެމަސައްކަތްވެސް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައި، ނަޝާތު ވިދާޅުވިއެވެ.

"މިހާރު ދެން ވޯޑް ލިމިޓެއް އިންނާނެ ފްރީކޮށް ދޫކޮށްފައި އިންނާތީވެ. އެކަމަކު އޭތި ޗޭންޖުކޮށްލަން މިމަސައްކަތް ކުރަން، ވަރަށް ބޮޑަށް އައި ކޮމެންޓެއް، ޓުވީޓެއް ކުރެވޭ ވަރަށް ވޯޑު ލިމިޓް އިތުރުކޮށްލައި ދޭށޭ. 140 ކެރެކްޓަރސްއަށް." ނަޝާތު ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވި ގޮތުގައި ބެހި އުފެއްދެވުމަށް، ދިވެހިބަހާއި ބަހުގެ ޤަވާއިދާއި ހަމަތަކާއި ލަފުޒުތައް އެތުރޭގޮތާއި، ލަފުޒު ވަކިކޮށްގެން ލިޔާ ގޮތް ވަރަށް ބޮޑަށް ދިރާސާ ކުރެވުނު ކަމަށެވެ. މިގޮތުން ރިފަރެންސްގެ ގޮތުގައި ފަންވަތް، އަދި ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގެ ލިޔުންތައް ވަރަށް ބޮޑަށް ބައްލަވާފައި ވާނެ ކަމުގައި ނަޝާތު ވިދާޅުވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ މި ޓޫލް ގިނަ ފަރާތްތަކުން ބޭނުން ކުރަމުންދާ ވަރަކަށް އިތުރަށް ފުރިހަމަވެ މުއްސަނދިވަމުން ދާނެ ކަމުގައި ވެސް ނަޝާތު ވިދާޅުވިއެވެ. އަދި ތަރުހީބަށް ބަަލައި އިތުރު މަސައްކަތްތައް މިއާއެކު ކުރިޔަށް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާކަމުގައިވެސް ނަޝާތު ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވީ، މިކަމުގައި ދިވެހި ބަހުގެ އެކަޑަމީންވެސް އެއްބާރުލުން ދެއްވުމަށް ބޭނުންވެ އެބޭފުޅުންވެސް ގުޅުއްވާފައިވާ ކަމަށެވެ. އަދި މިދެތިން ދުވަހުވެސް ވަރަށް ޕޮޒިޓިވް ކޮމެންޓްތައް ލިބިފައިވާ ކަމުގައި ނަޝާތު ވިދާޅުވިއެވެ.

ދިވެހިބަހުން ލިޔާލިޔުން ތަކުގައި ކުށްހުރުމާއި، އިބާރާތް ހަމަނުޖެހުމާއި، ލަފުޒުދުރުކޮށް ލިޔާ ގޮތްތައް ނޭނގި، ލިޔެވޭ ލިޔުންތަކުން މާނަ އޮޅި ބައެއް ފަހަރު ދެރަގޮތެއް ވެސް ދިމާވެދާނެއެވެ. އެހެންކަމުން ނަޝާތު މިވަނީ މިކަމަށް ހައްލު ހޯދޭނެ މަގެއް ދައްކައި ދީފައެވެ.

ކިޔުންތެރިޔާ

މާޝާ ﷲ .. ވަރަށް އުފާވެރި ހަބަރެއް...???♥️

ޞބބބ

މައިކްރޯ ސޮފްޓްވޯޑުން ރަނގަޅުކުރެވޭނެނަމަ އަދި ގޫގުލްޓްރާންސްލޭޓް އަށް ދިވެހިބަސްއެޑްވަނީ ކޮންއިރަކުންތަ

ވަރަށް ރަނގަޅު މަސައްކަތެއް. މާތް الله ތިބާއަށް ބަރަކާތް ލައްވާށި.

ވ