ވިޔަފާރި

ދުނިޔޭގެ އެންމެ ބޮޑެތި މޫދު ކޮޓަރިތައް ރާއްޖޭގައި ހުޅުުވަނީ


ދުނިޔޭގެ އެންމެ ބޮޑެތި މޫދު ކޮޓަރިތައް ރާއްޖޭގައި ހުޅުުވުމަށް ތައްޔާރުވެއްޖެއެވެ.

ސޮނޭވާފުށި ރިސޯޓުގައި ހުޅުވާ މި ވޯޓަރ ވިލާތައް ނުވަތަ މޫދު ކޮޓަރިތަކުގެ ބޮޑުމިނުގައި 584 އަކަފޫޓު ހުރެއެވެ. މިއީ އިނގިރޭސިވިލާތުގައި އާއްމުގޮތެއްގައި މީހުން ދިރިއުޅޭ ފްލެޓުތަކަށްވުރެ ސައިޒުގެ ގޮތުން 12 ގުނަ ބޮޑެވެ.

މިފަދަ 8 މޫދު ކޮޓަރި މިހަފްތާތެރޭ ފަތުރުވެރިންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، އެއް ކޮޓަރީގެ ވިލާތަކާއި ދެ ކޮޓަރީގެ ވިލާތައް ހިމެނެއެވެ.

އެއް ކޮޓަރީގެ މޫދު ވިލާއެއްގެ އަގު އުޅެނީ ރެއަކަށް 2،626 ޑޮލަރަށެވެ. އަދި ދެ ކޮޓަރީގެ މޫދު ވިލާއެއްގެ އަގު އުޅެނީ ރެއަަކަށް 5،232 ޑޮލަރަށެވެ.

މި ވިލާތަށް ފަރުމާކުރުމުގައިވެސް ތަފާތު ކަންތައްތަކެއް ހިމެނެއެވެ. އެގޮތުން ނިދާ ކޮޓަރީގެ ފުރާޅު ފަރުމާކޮށްފައިވަނީ ކަހާލެވޭ ގޮތަށެވެ. މިއާއެކު އެނދުގައި އޮށޯވެ އޮންނަ އިރު އުޑުމަތި ފެންނާނެއެވެ.

އާއިލީ ޗުއްޓީއަކަށް ކަމުދާނެ ކަންތައްތައްވެސް މި ވިލާތަކުގައި ހުރެއެވެ. އެގޮތުން ކޮންމެ ވިލާއެއްގައި މޫދަށް ފައިބާ ގޮތަށް ވޯޓަރ ސްލައިޑެއް ހަރުކޮށްފައިހުރެއެވެ.

މަތީ ފަންތީގެ ޙިދުމަތްތައް ލިބޭ މި ވޯޓަރ ވިލާތަކުގައި ޖާގަ ބޮޑު އައުޓު ޑޯ ފާހަނަތައް ހުރެއެވެ. ބޮޑު ޕޫލަކާއި މޫދު މަތީގައި އަޅާ ކަޓަމަރާން ނެޓްސްތައް ހަރުކޮށްފައި ހުރެއެވެ. މި ވޯޓަރ ވިލާތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ބޭނުންވާ ޙިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ރިސޯޓުގެ މުވައްޒަފެއް ހާއްސަވެފައި ހުރެއެވެ.

ރާއްޖޭގެ އެހެން ރިސޯޓުތަކުގައި ހުންނަ ވޯޓާ ވިލާތަކަށްވުރެ ސޮނޭވާއިން އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ވޯޓަރ ވިލާތައް ހަދާފައިވަނީ އުސްކޮށެވެ. މިއީ މޫދުން ރާޅު ޖަހާއިރު، އުފެދޭ ގުޑުންތައް މަދުކުރުމަށްކަމަށް ކޮށްފައިވާކަމެއްކަމަށް އެ ރިސޯޓުން ހާމަކުރެއެވެ.

1995 ވަނަ އަހަރު ފަތުރުވެރިންނަށް ހުޅުވާލި ސޮނޭވާ ފުށި ރިސޯޓުންދަނީ މަތީ ފަންތީގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކޮށްލުމުގެ ފުރުސަތު ފަތުރުވެރިންނަށް ދެމުންނެވެ. ދުނިޔޭގެ މަޤްބޫލް ފަތުރުވެރިންގެ މަންޒިލަކަށް ރާއްޖެ ވެފައިވާއިރު ފަތުރުވެރިންނަށް ތަފާތު ތަޖުރިބާތައް ކުރުމަށް ރިސޯޓުތަކުން ދޭ ޙިދުމަތްތައް އިތުރުކޮށް އެކި ކަހަލަ ކޮންސެޕްޓުތަކަށް ރިސޯޓުތައް ދަނީ ފަރުމާކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މޫދު އަޑީގައި ރެސްޓޯރެންޓުތަކާއި ކޮޓަރިތައް ތަރައްޤީކޮށްފައިހުރިކަން ފާހަގަކޮށްލެވެއެވެ.