ޚަބަރު

ރާއްޖޭގެ އެންމެކާމިޔާބު ކޯލިޝަން ސަރުކާރުން ރިޔާސީ އިންތިޚާބް ކާމިޔާބުކުރިތާ ދެއަހަރު


ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތުގައި އެންމެ ކާމިޔާބު ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިތާ މިއަދަށް މިވަނީ 2 އަހަރު ފުރިފައެވެ. 2018ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ހާމަވީ މިހާރު ވެރިކަންކުރާ ކޯލިޝަނަށް ބޮޑު އަޣުލަބިއްޔަތެއްގެ ރައްޔިތުން ތާޢީދުކުރާކަމެވެ.

އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތުގައި ބޮޑު ކޯލިޝަނެއް އުފައްދައި އެކޯލިޝަނުންވަނީ ބައިވެރިވެފައެވެ. މިކޯލިޝަންގައި ލީޑްކޮށް އެންމެ ކުރީގައި މަސައްކަތް ކޮށްފައިވަނީ އެމްޑީޕީންނެވެ. އެމްޑީޕީއާއި އެއްސަފެއްގައި ރައީސް ޔާމީންގެ ބޭބޭފުޅު ރައީސް މައުމޫނާއި، ޤާސިމް އިބްރާހީމާއި، ޝައިހް އިމްރާން އަބްދުﷲ ވަނީ ވެރިކަން ބަދަލުކުރުމަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އިންތިޚާބު ބޭއްވުމާ ހަމަޔަށްވެސް މި ކޯލިޝަނުގެ މަސައްކަތްތައް ކުރަންޖެހުނީ ގޮންޖެހުން ބޮޑު ދަތި އުނދަގޫ މާޙައުލެއްގައެވެ. އިންތިޚާބު ބާއްވައި ނަތީޖާ އިޢުލާން ކުރުމާ ހަމަޔަށްވެސް ކޯލިޝަންގެ ބައެއް ލީޑަރުން އުޅުއްވަން ޖެހިވަޑައިގަތީ ރާއްޖެއިން ބޭރުގައެވެ. މި އިންތިޚާބު ކާމިޔާބު ކުރުމަށާއި އޭރުގެ ސަރުކާރު ޖަވާބު ދާރީކުރުމަށް ކުރެވިދިޔަ މުޒާހަރާތަކުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއި، ސިޔާސީ އެތައް ވެރިންނެއްވަނީ އެތައްފަހަރެއްގެ މަތީން ޖަލަށްލައި ބަންދުކޮށްފައެވެ.

ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ޢަބްދުﷲ ޔާމީނާ ވާދަކުރައްވައެވެ. އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރައްވާފައިވާ ވަގުތީ ނަތީޖާގައިވާގޮތުން އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައި ވަނީ 134616 ވޯޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ޢަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައި ވަނީ 96132 ވޯޓެވެ. މިނަތީޖާއިން ދައްކާގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބު ކާމިޔާބުކުރެއްވީ %58ގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރުމާއެކު ވެހެމުންދިޔަ ބޯވާރޭތެރޭގައިވެސް އެތައްބަޔަކު ލޮނުޒިޔާތްކޮޅު އެމްޑީޕީ ހަރުގެ ކައިރިއަށް އެއްވެ އުފާފާޅުކޮށް ޝުޢޫރުތައް ފާޅުކުރިއެވެ. މި އުފާފާޅުކުރުންތަކުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހުއާއި ނައިބް ރައީސް ފައިސަލް ނަސީމާއި، ކޯލިޝަންގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އިންތިޚާބު ކާމިޔާބްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމުގެ ހުވައި ކުރައްވާފައިވަނީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހަގެ 17ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ބޮޑު ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަންމަނިކު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސްރީލަންކާގެ ކުރީގެ ރައީސް ޗަންދްރިކާ ކުމާރަތުންގާ އާއި ބައެއް ޤައުމުތަކުގެ އިސްވެރިންގެ މަންދޫބުންވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމެއް ރާއްޖޭގައި ޤާއިމުވީފަހުން މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރެއްވެސް ވެރިކަމަށް އައީ ކޯލިޝަންގެ ތެރެއިންނެވެ. އެހެންނަމަވެސް ކޯލިޝަނުގެ ވެރިކަން ދެމެހެއްޓުން މީހެކުރީގެ ސަރުކާރުތަކަށްވީ ވަރަށް ދަތިކަމަކަށެވެ. ވެރިކަމުގެ ދައުރު ހަމަވުމުގެ މާކުރިން ކޯލިޝަން ރޫޅެއެވެ.

2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް ރައީސް ނަޝިދާއިއެކު އޭރުގެ އިދިކޮޅު ކޯލިޝަނުން އުފެއްދި ވެރިކަން އެންމެ 21 ދުވަހުގެތެރޭގައި ވަނީ ރޫޅިފައެވެ. ރައީސް ނަޝީދުގެ ވެރިކަމަށްފަހު އިންތިޚާބަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީންގެ ކޯލިޝަންވެސް ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރޫޅިފައެވެ.

ކޯލިޝަންގެ ތަޖުރިިބާ މާޒީގައި ހިތިކޮށް ފެނުނު ކަމުގައި ވީނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގެންދަވަނީ ކޯލިޝަންގެ ވެރިކަން ކާމިޔާބުކަމާއެކު ހިންގެވިދާނެކަން ސާބިތު ކޮށްދެއްވަމުންނެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ވެފައިވާއިރު ކޯލިޝަން އޮތީ އޮތްގޮތަށް ބަދަހިކަމާއެކުއެވެ. މިއަދު ގިނަބަޔަކު ދަނީ އިންތިޚާބުދުވަހުގެ ފޮޓޯތަކާއި ވީޑިޔޯތަކާއި ހަނދާންތައް ސޯޝަލް މީޑިޔާގައި ހިއްސާކުރަމުންނެވެ.