ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް އޮކްޓޫބަރު 5ގައި ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށާނެކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި މަޖިލިސް ޢިދާރާއިން ކުރި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ އޮކްޓޫބަރު މަހުގެ ފަހެއްވާ ހޯމަ ދުވަހު އޮންނާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަސްދުވަހުގެ ޗުއްޓީއަކަށް ދިޔައީ މި މަހުގެ 6 ވަނަ ދުވަހުގައެވެ. ނިމުނު ދައުރު ނިންމާލައި މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ އެ ދައުރަށް ހުށައެޅުނު މަސައްކަތުގެ %68 މަސައްކަތް ނިންމުމަށްފަހުކަމަށް މަޖިލީހުގެ ނާއިބުރައީސް ވިދާޅުވިއެވެ.

އަދި ނިމުނު ދައުރުގެ ތެރޭގައި 21 ޤާނޫނަކާއި 9 ގަރާރުގެ އިތުރުން ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅުއްވި 11 މައްސަލައެއްގެ އިތުރުން 16 ކުއްލި މައްސަލައާ، މަޖިލީހުގެ މެންބަރުން ހުށައެޅުއްވި 3 މައްސަލައަކާއި ގުޅޭގޮތުން ގޮތްނިންމައި ވަޒީރުންނާ 30 ސުވާލު ކުރައްވާފައިވެއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގައި ޖުމްލަ 76 ޖަލްސާވަނީ ބާއްވާފައެވެ. މިއަހަރުގެ ފަހު ދައުރު އޮކްޓޫބަރު ފަހެއްގައި ބާއްވާއިރު މިދިޔަ މަހުގެ 28 ވަނަ ދުވަހު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިނގިރޭސި ވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި އިއްޔެވަނީ މާލެ ވަޑައިގެންފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ އެޗްޕީއޭއިން ކަނޑައަޅުއްވާފައިވާ ގައިޑް ލައިނާއި އެއްގޮތަށް ކަރަންޓީނުގައިކަމަށް މަޖިލިސް އިދާރާއިން ހާމަކުރެއްވިއެވެ.