ކުޅިވަރު

އުއްމީދަކީ ދެވަނަ ބުރުން ޖާގަ ހޯދުން - ކޯޗު ޝާހިދު


މުބާރާތުގެ ފުރަތަމަ މެޗުން
މޮޅުވެއްޖެނަމަ، އޭއެފްސީ ސޯޅަ އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރަށް ދިއުމުގެ އުއްމީދު އެބައޮތްކަމަށް ސޯޅަ
އަހަރުންދަށުގެ ޓީމްގެ ކޯޗް މުހައްމަދު ޝާހިދު ބުނެފިއެވެ.

ފަލަސްތީންގައި އޮންނަ އޭއެފްސީ 16 އަހަރުންދަށުގެ ފުޓްބޯޅަ މުބާރާތަށް ފުރުމުގެ ކުރިން މިއަދު ހެނދުނު ޕީއެސްއެމްއާ ވާހަކަދައްކަމުން ޝާހިދު ބުނީ މިފަހަރު
އެކުލަވާލާފައިވާ 16 އަހަރުންދަށުގެ ޓީމަކީ ވަރަށް އާ ޓީމެއްކަމަށެވެ. މީގެތެރެއިން
ގިނަ ކުދިންނަކީ މިފަހަރު އަލަށް 16 އަހަރުން ދަށުގެ ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންކަމަށެވެ. ޝާހިދު ބުނީ ޓީމް އާވުމުގެ އިތުރުން އޭއެފްސީ
16 އަހަރުންދަށުގެ މިމުބާރާތުގައި ވާދަކުރަންޖެހޭ ޓީމްތަކަކީ ލެވެލްގެ ގޮތުން
ބާލާއިރު ރާއްޖެއަށް ވުރެ މާ މަތީފަންތީގެ ޓީމްތަކެއްކަމަށެވެ. އަދި އެންމެ އުނދަގޫވަނީ
އެޓީމްތަކުގެ ކުޅުން މީގެ ކުރިން ފެނިފައިނުވާތީ ކަމަށާ އަދި އެޓީމްތަކަށްވެސް
ރާއްޖޭގެ ޓީމްގެ ކުޅުންފެނިފައި ނުވާނެކަމަށް ޝާހިދު ބުންޏެވެ.



" މިހާރު މީގަ މިއޮންނަނީ
50-50 ޗާންސްއެއް. އެޓީމްތަކަށް އަޅުގަނޑުމެންގެ ފެންވަރެއްވެސް އަދިއެއް
ނޭންގޭނެ، އަހަރެމެންނަށްވެސް އެޓީމްތަކުގެ ފެންވަރެއް އަސްލު ނޭންގޭ. އެހެންވީމަ މެޗްގެ
އޮއިވަރުދާ ގޮތަކުން އެނގޭނީ. ނަމަވެސް ފުރަތަމަ މެޗުން މޮޅުވެއްޖެނަމަ
އެއީ އިތުރަށް ލިބޭ ހިތްވަރަކަށްވާނީ. އަދި ދެވަނަ ބުރަށް ދިއުމަށްވެސް އެޅޭ
ވަރަށް ރަނގަޅު ފިޔަވަޅަކަށް ވާނީ. އެއް މެޗް ކުޅެލެވުނީމަ، ދެން ހުރި
ޓީމްތަކާއެކު ކުޅެން ފަސޭހަވެގެންދާނެ" ޝާހިދު ބުންޏެވެ.



މިމުބާރާތުގައި ރާއްޖެ
ކުޅެންޖެހޭ ފުރަތަމަ މެޗްގައި ނިކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. ދެވަނަ
މެޗްގައި ޔަމަނާ ދެކޮޅަށް، އަދި ގްރޫޕްގެ ފަހު މެޗްގައި ރާއްޖެ ނިކުންނާނީ މުބާރާތް
ބާއްވާ ޤައުމު ކަމުގައިވާ ފަލަސްޠީނާ ދެކޮޅަށެވެ.



މުބާރާތުގެ ދެވަނަ ބުރަށްދާނީ
ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި ދެވަނައަށް ދާ ޓީމްތަކުގެ
ތެރެއިން އެންމެ ގަދަ ފަސް ޓީމެވެ.