ދުނިޔެ

ކޯވިޑް ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޢަދަދު ދެ ލައްކައަށްވުރެ މައްޗަށް


ކޯވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ ޢަދަދު ދެ ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ. ފާއިތުވި ފަސް މަސް ދުވަހު އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހި، ބަލީގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 7.09 މިލިއަން މީހުންނަށް ބަލިޖެހި 205،471 ( ދެ ލައްކަ ފަސްހާސް ހަތަރު ސަތޭކަ ހަތްދިހަ ) މީހުންވަނީ މަރުވެފައެވެ.

އެމެރިކާއިން ޙިއްޞާކުރަނީ ދުނިޔޭގެ އާބާދީގެ ފަހެއް އިންސައްތައެވެ. ނަމަވެސް ކޯވިޑް-19 ޖެހިގެން ދުނިޔޭގައި މަރުވެފައިވާ މީހުންގެ 20 އިންސައްތަ ޙިއްޞާކުރަނީ އެމެރިކާއިންނެވެ. ރަސްމީ ޢަދަދުތަކަށްވުރެ ބަލީގައި މަރުވެފައިވާ މީހުންގެ އަސްލު ޢަދަދު އެތައް ގުނައެއް އިތުރުވާނެކަމަށް މާހިރުން ޤަބޫލުކުރެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 35،696 މީހުންނަށް ބަލިޖެހި 969 މީހުންވަނީ މަރުވެފައެވެ. މި އަހަރު ނިމުމުގެ ކުރިން ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 770 މީހުން ބަލީގެ ސަބަބުން މަރުވަމުންދާ އެމެރިކާގައި މަރުވެފައިވާ މީހުންގެ ޢަދަދު ހަތަރު ލައްކައަށް އިތުރުވާނެކަމަށް ދިރާސާތަކުންވަނީ އަންދާޒާކޮށްފައެވެ.

ސިއްޙީ މާހިރުން ބުނާގޮތުގައި މި އަހަރު ފަހުކޮޅު ފިނި މޫސުން ފެށުމުން އަދި މަދަރުސާތަކާއި ކޮލެޖުތައް ހުޅުވުމުން ޤައުމުގެ ޙާލަތު އިތުރަށް ގޯސްވާނެއެވެ. 2021ވަނަ އަހަރުގެ ކުރިން ބައްޔާއި ދެކޮޅަށް ވެކްސިނެއް ތައްޔާރުވެ ޢާންމުންނާ ހަމައަށް ފޯރާނެކަމަކަށް ނުބެލެވެއެވެ.

އެމެރިކާގެ ސަރުކާރުގެ ގައިންގަޔަށް އަރާ ބަލިތަކާބެހޭ އެންމެ އިސް މާހިރު، ޑރ. އެންތޮނީ ފައުޗީ ވިދާޅުވީ ބަލީގެ ސަބަބުން އެމެރިކާގައި މީހުން މަރުވެފައިވާ ޢަދަދަކީ ޤައުމުގެ ޙާލަތު ގޯސްވެފައިވާ މިންވަރު ދޭހަކޮށްދޭ ޢަދަދެއްކަމަށެވެ. އެ ޢަދަދަކީ ޤަބޫލުކުރަން ދަތި ޢަދަދެއްގެ ގޮތުގައިވެސް އޭނާ ސިފަކުރެއްވިއެވެ.

އެމެރިކާގައި މަރުވެފައިވާ މީހުންގެ ޢަދަދު ދެ ލައްކައަށް ވުރެ އިތުރުވެފައިވަނީ އެ ޤައުމުގެ ރިޔާސީ އިންތިޙާބު ބޭއްވުމަށް ހަ ހަފުތާއަށް ވެފައިވަނިކޮށެވެ. ބެލެވޭގޮތުގައި ބަލި ފެތުރޭ މިންވަރު ދަށްކުރުމުގައި އެމެރިކާގެ ސަރުކާރުން ކާމިޔާބުވާ މިންވަރުގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެއެވެ.

ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހު ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި އިތުރު ދައުރަކަށް ކުރިމަތިލައްވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕު ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން މަސައްކަތްކޮށްފައިވަނީ ވަރަށް ރަނގަޅަށްކަމަށެވެ. އޭނާ ވިދާޅުވީ އެ ޤައުމަށް ގޯސްކޮށް ކުރެވުނު ހަމައެކަނި ކަމަކީ ބައްޔާއި ދެކޮޅަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަކީ ރަނގަޅު އަދި ކާމިޔާބު މަސައްކަތްތަކެއްކަން ޢާންމުންނަށް ޔަޤީންކޮށްނުދެވުންކަމަށެވެ.